ފުލުހުންގެ ކުރީގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ކަމުގައިވާ މުހައްމަދު ސޯދިގާއި ހަސަން ހަބީބު މިނިސްޓްރީގެ ވަޒީފާ އަށް ނުކުންނަވަން ފައްޓަވައިފި އެވެ.

ބަންޑާރަ ނައިބު މުހައްމަދު އަނިލް މިއަދު ސަން އަށް ވިދާޅުވީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ސޯދިގު އޮފީހަށް ނުކުންނަވަން ފައްޓަވާފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ހަމަޖެއްސެވި ހަސަން ހަބީބު ވެސް އޮފީހަށް ނުކުންނަވަން ފައްޓަވާފައިވާ ކަމަށެވެ. ނަމަވެސް މިވަގަތު ހަބީބު ހުންނެވީ ޗުއްޓީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދަށް ދެއްވާފައި ވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމެވެ.

ހުސައިން ވަހީދު މިއަދު ސަން އަށް ވިދާޅުވީ މިއަދު އޭނާ ހައުސިން މިނިސްޓަރަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން އެ ތިބޭފުޅުން ވަކިކުރެއްވީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވި އެވެ.