28 Oct 2015, 10:37
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބަންދަށް 15 ދުވަސް އިތުރުކުރި މައްސަލަ އިސްތިއުނާފުކޮށްފި އެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެފައި ވަނީ، ޒިޔަތު ދިރިއުޅުއްވާ އެޕާޓްމަންޓު ބަލައިފާސްކުރި އިރު ފުލުހުންގެ ރަސްމީ ބޭނުންތަކަށް ބޭނުންވާ އެއްޗިހީގެ ރިކްއެސްޓް ސިޓީތައް އެތަނުން ފެނިފައިވާ ކަމަށެވެ.
އެކަމާ ބެހޭގޮތުން ތަހުގީގުގެ ވަކި ހިސާބަކުން ޒިޔަތު ހަނުހުންނަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެއެވެ.
"އަބްދުﷲ ޒިޔަތު ދިރިއުޅުއްވާ ގޭގެތެރެއިން ފުލުހުންގެ ރަސްމީ ބޭނުންތަކަށް ބޭނުންވާ އެއްޗިހީގެ ރިކްއެސްޓް ސިޓީތައް އެގޭތެރެއިން ވަނީ ހޯދާފައި. ތަހުގީގު ކުރާ މީހުންނަކަށް މިއީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ. ރަސްމީ ލެޓަހެޑްގައި ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ތަކެތި ހޯދުމަށް ބޭނުންވެގެން ފޮނުވާ ލިޔުންތައް އަބްދުﷲ ޒިޔާތުގެ ގޭގައި ހުންނަން ޖެހޭ ކަމަށް ފުލުހުން ގަބޫލެއް ނުކުރޭ،" ރައީސް ވިދާޅުވި އެވެ.
ޒިޔަތުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވީ، ރައީސް ވިދާޅުވެފައި ވަނީ ޒިޔަތު ހައްޔަރުކުރީ ހަނުހުންނެވުމުގެ ސަބަބުން ކަމަށާއި ހަނުހުންނަ މީހަކު ހައްޔަރުކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.