ފަލަސްތީނުގެ ވެސްޓް ބޭންކްގައި ތިބި އިސްރާއީލް ސިފައިންނަށް އަންގާރަ ދުވަހު ފަލަސްތީނު ދެ މީހަކު ދިން ވަޅީގެ ހަމަލާއަކާ ގުޅިގެން އިސްރާއީލު ސިފައިން، އެ ދެ މީހުންގެ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ.

އިސްރާއީލް ސިފައިން ބުނާ ގޮތުގައި ދެ ފަލަސްތީން މީހުން އިސްރާއީލް ސިފައިންގެ މީހަކަށް ވަޅިން ހަމަލާދިނީ ޔަހޫދީން އުޅޭ ސަރަހައްދެއްގައި ޝައްކު ކުރެވޭ ގޮތަކަށް އުޅެމުން ދާތީ ސުވާލުކުރަން ކައިރިއަށް ދިއުމުންނެވެ.

ފަލަސްތީނު މީހުން ބަޑި ޖަހައި މަރާލަން ޖެހުނީ އެމީހުން އިސްރާއީލު ސިފައިންނަށް ހަމަލާ ދިނުމުން ކަމަށް އިސްރާއީލް އަސްކަރިއްޔާއިން ބުންޏެވެ.

މަރުވި ފަލަސްތީނުގެ މީހުންގެ އުމުރަކީ 17 އާއި 22 އަހަރު ކަމަށް އިސްރާއީލް މިލިޓަރީގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

އޭގެ ގިނަ އިރުތަކެއްނުވެ ފަލަސްތީނު ތިން ވަނަ މީހަކު މަރާލައިފައި ވަނީ އަނެއްކާ ވެސް އިސްރާއިލު ސިފައިންގެ މީހަކަށް ފަލަސްތީނުގެ ހެބްރޫންގައި ވަޅީގެ ހަމަލާއެއް ދޭން އުޅެނިކޮށް ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުންޏެވެ.

ޣައްޒާ އާއި ވެސްޓް ބޭންކުގައި ކުރިއަށް ގެންދާ ހަމަނުޖެހުންތަޖުގައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިސްރާއީލު ސިފައިން ވަނީ ފަލަސްތީނުގެ 59 މީހަކު މަރާލައިފައެވެ. އޭގެ ތެރެއިން 32 މީހުންނަކީ ހަތިޔާރު ބޭނުންކުރި މީހުން ކަމަށް އިސްރާއީލުން ބުންޏެެވެ.

އިސްރާއީލްގެ އެ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ކުޑަކުދިން ވެސް މަރުވެފައިވެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން އަންގާރަ ދުވަހު ބުނި ގޮތުގައި އިސްރާއީލް ސިފައިން ގަވާއިދާ ހިލާފަށް ބާރުގެ ބޭނުން ކުރާ ކަން އެ ޖަމިއްޔާ އަށް ވަނީ ފާހަގަ ކުރެވިފަ އެވެ. އެ ގޮތުން އެއްވެސް ހަތުރެއް ނެތީސް، ގަސްތުގައި އިސްރާއީލުން ފަލަސްތީނު މީހުން މަރާލި ހަތަރު މައްސަލައެއްގެ މައުލޫމާތު އެ ޖަމާއަތަށް ލިބިފައިވާ ކަމަށް އެމްނެސްޓީ އިން ބުންޏެވެ.

މިމަހުގެ ތިން ވަނަދުވަހު އިސްރާއިލްގެ ސިފައިންގެ މީހެއްކަމުގައިވާ ރިޗާޑް ލާކިން މަރުވުމާ އެކު ފަލަސްތީނު މީހުންގެ ހަމަލާތަކުގައި މަރުވި އިސްރާއީލް ސިފައިންގެ އަދަދު ވަނީ 11 އަށް އަރައިފަ އެވެ. ލާކިން މަރުވެފައި ވަނީ އަލް ގުދުސްގެ ބަހެއްގައި ވަޅި އާއި ބަޑިން ފަލަސްތީނު ދެ މީހަކު ދިން ހަމަލާތަކުގަ އެވެ.