31 Mar 2011, 13:09
ސުނާމީގައި ޖަޕާން ރައްޔިތުންނަށް ލިބުނު ގެއްލުމަށް އެހީވުމަށް ރާއްޖޭގައި ހުޅުވި ފަންޑަށް އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެފަންޑާ ބެހޭ ސްޓިއަރިން ކޮމިޓީން ބުނެފި އެވެ.
"ޖަޕާނާ އެކު ދިވެހިން" ސްޓިއަރިން ކޮމިޓީގެ މެންބަރެއް ކަމުގައިވާ މުހައްމަދު އާރިފް ސަން އޮން ލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެފަންޑަށް ފައިސާ ޖަމާކުރުމުގެ މުއްދަތު ހަމަވެފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށާއި ނަމަވެސް އިއްޔެ ވެސް ފަންޑަށް ފައިސާ ލިބިފައިވާ ކަމަށެވެ.
ނަމަވެސް އިއްޔެ ލިބުނީ ކިހާ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ސްޓިއަރިން ކޮމިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މާލޭ ސިޓީ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ޖަޕާނާ އެކު ދިވެހިން"ގެ ފަންޑް ހޯމަ ދުވަހު ބަންދުކޮށްފައި ވިއަސް، އެ ފަންޑަށް ޖަމާކުރުމަށް އެއްކޮށްފައިވާ ފައިސާ ޖަޕާނަށް އެހީވުމަށް މޯލްޑިވްސް ރެޑްކްރެސެޓް ސޮސައިޓީން ހުޅުވާފައިވާ އެކައުންޓަށް އެ ފައިސާ ޖަމާކުރެވޭނެ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ ރެޑް ކްރެސެންޓްގެ ދިވެހި ރުފިޔާ އެކައުންޓަކީ 7701176022004 ކަމަށާއި ޔޫއެސް ޑޮލަރު އެކައުންޓަކީ 7701176022005 ކަމަށް ވެސް އެކޮމިޓީން ބުނެ އެވެ.
ބިންހެލުމާއި ސުނާމީއާ ގުޅިގެން މަރުވި މީހުންނާއި ގެއްލުނު މީހުންގެ އަދަދު 27،000 އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޖަޕާނަށް ކުރިމަތިވި ގުދުރަތީ ހާދިސާގައި 300 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް އެގައުމަށް ލިބިފައިވާ ކަމަށް ޖަޕާނުގެ ސަރުކާރުގެ ރިޕޯޓްތައް ބުނެ އެވެ.