28 Oct 2015, 10:15
މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރު ވެފައި އޮތުމުން، ޕެނަލްޓީ ޖަހައިގެން ސްޓޯކް ސިޓީ އަތުން 5-4 ގޯލްގެ ނަތީޖާއަކުން ބަލިވެ އިނގިރޭސި ލީގްކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ އެ މުބާރާތުން ކަޓައިފި އެވެ.
އިނގިރޭސި ޕްރިމިއަ ލީގުގައި ވެސް މިސީޒަންގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ އެންމެ ފަހުގެ ލީގު ޗެމްޕިއަން ޗެލްސީއަށް ކެޕިޓަލް ވަން ކަޕްގައި ރޭ ކުރިމަތިލާން ޖެހުނު ނަތީޖާގެ ސަބަބުން އެޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯގެ މުސްތަގުބަލާ މެދު ވަނީ އިތުރަށް ސުވާލު އުފެދިފައެެވެ.
ސްޓޯކްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު، މެޗުގެ ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅެފައި ވަނީ ޗެލްސީއެވެ.
ދެވަނަ ހާފް ފެށިގެން ހަތް މިނިޓް ތެރޭގައި ސްޓޯކްގެ ޖޯން ވޯލްޓާސް ވަނީ އެޓީމަށް މެޗުގެ ލީޑު ނަގައިދީފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގައި ޗެލްސީގެ ފޯވާޑް ޑިއެގޯ ކޮސްޓާއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާގެ ބަދަލުގައި ކުޅެން އެރި ފްރާންސް ފޯވާޑް ލޮއިކް ރެމީ ވަނީ ލަނޑެއް ކާމިޔާބުކޮށް ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޗެލްސީގެ ފޯވާޑް ޑިއެގޯ ކޮސްޓާއަށް އަނިޔާ ވުމުން ރޭގެ މެޗުގައި ވަނީ، ބަދަލުކޮށްފައި. ކޮސްޓާގެ އަރިކަށްޓަށް ކޮންމެވެސް ވަރެއްގެ ގެންލުންތަކެއް ލިބިފައިވާ ކަމަށް ވަނީ -- ފޮޓޯ: ބީބީސީ
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ތަކުގެ ތެރޭން ސްޓޯކްގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކުރިއިރު، ޗެލްސީގެ އެޑެން ހަޒާޑް ފޮނުވާލި ޕެނަލްޓީ ސްޓޯކްގެ ކީޕަރު ޖެކް ބަޓްލެންޑް ވަނީ ދިފާއުކޮށް އެޓީމު ކުއާޓާއަށް ގެންގޮސްދީފައެވެ.
މޮރީނިއޯ އިތުރު ހާސްކަމެއްގެ ތެރެއަށް
ޗެލްސީ ރޭގެ މެޗަށް ނުކުތްއިރުވެސް އިނގިރޭސި ބޮޑެތި މީޑިއާތަކުން ވަނީ، މޮރީނިއޯއަށް ވަރަށް ބޮޑަށް ފާޑުކިޔައި، ސްޓޯކް މެޗާއި ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުން ޗެލްސީއަށް ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެ ނަމަ މޮރީނިއޯ ބޭރުކޮށްލާނޭ ކަމަށް ބުނެ ވާހަކަތައް ފަތުރާފައެވެ.
ޗެލްސީއަށް މިހާތަނަށް އެންމެ ގިނަ ކާމިޔާބީތައް ހޯދައިދިން ކޯޗާއެކު މިހާރު އެޓީމުން ހިތްދަތި ދުވަސްތަކެއް ގުނަމުންދާއިރު، މި ސީޒަންގައި އެޓީމު ކުޅުނު 16 މެޗުގެ ތެރެއިން 8 މެޗުން ޗެލްސީ ވަނީ ބަލިވެފައެވެ.
ލީގު ކަޕުން ޗެލްސީ ކެޓި އިރު، ޕްރިމިއަ ލީގުގައި ވެސް އެޓީމު މިވަގުތު އޮތީ، ކުޅުނު 10 މެޗުން ލިބުނު 11 ޕޮއިންޓާއެކު ލީގު ތާވަލުގެ 15 ވަނައިގައެވެ. ދެން އެޓީމު އެންމެ އަވަހަށް ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ. މި މެޗަކީ ކޯޗު މޮރީނިއޯއަށް ކުރިމަތިލާން ޖެހޭނެ ވަރުގަދަ އިމްތިހާނަކަށް ވެގެން ދާނެއެވެ.
ތާރީޚް އަދިވެސް ބުރަވަނީ ސްޓޯކް ކޮޅަށް
މީގެ ކުރީން ވެސް އިނގިރޭސި ލީގު ކަޕްގައި ޗެލްސީއާ ވާދަކޮށް ސްޓޯކް ސިޓީ ބަލިވެފައެއް ނުވެއެވެ. އެގޮތުން ލީގު ކަޕްގައި ހަތްފަހަރެއްގެ މަތީން މިދެ ޓީމު ވާދަކުރި އިރު، ތިން ފަހަރު އެއްވަރުވެ އަނެއް ހަތަރު މެޗުން ސްޓޯކް ވަނީ މޮޅުވެފައެވެ. އޭގެ ތެރޭގައި 1972 ވަނަ އަހަރުގެ ފައިނަލް މެޗު ހިމެނެއެވެ.
މެޗާ ބެހޭގޮތުން ކޯޗުންގެ ވާހަކަ
މެޗަށް ފަހު ސްޓޯކްގެ ބޮސް މާކް ހިއުސް ބުނީ، ހުރިހާ ތައުރީފެއް ހައްގުވަނީ އޭނާގެ ކުޅުންތެރީންނަށް ކަމަށާއި، އެ ކުޅުންރީން ވަނީ، މޮޅު ކުޅުމެއް ދައްކަމުންދިޔަ ޗެލްސީއަށް ސިހުންގެނުވާފައި ކަމަށެވެ.
ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ، ޕެނަލްޓީ ޝޫޓްއައުޓްގައި ބަދުނަސީބުގޮތަކަށް ދިމާވި ނަމަވެސް، އޭނާގެ ކުޅުންތެރީން ރޭގެ މެޗުގައި ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ.