ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ޒުވާނުންނަށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑި އަންނަ މަހުގެ ފަހަކަށް އިިތުރުކޮށްފި އެވެ.

ޔޫތު މިނިސްޓްރީން ބުނީ ފުރަތަމަ އެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލާފައިވަނީ މިމަހުގެ ހައެއްގައެވެ.

އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މާލޭގައިނަމަ މާފަންނު ޔޫތު ސެންޓަރާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ރަށްރަށުން އެޕްލިކޭޝަން ފޯމު ހުށަހަޅާނީ އެރަށެއްގެ ޔޫތު ސެންޓަރ ނުވަތަ ރަށު ކައުންސިލް މެދުވެރިކޮށް ކަމަށްވެސް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޒުވާނުންނަށް ދޭ ޚާއްސަ އެވޯޑާއި، ސެޓްފިކެޓާއި 25,000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ.

މިއަހަރުވެސް ނޮވެންބަރު 17 ވަނަ ދުވަސް، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށްވަނީ ހަމަޖެހިފައެވެ. މި އަހަރު ޒުވާނުންގެ އިނާމް ތަފާތު 10 ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރު އެވޯޑު ދޭ ދާއިރާތަކުގެ ތެރޭގައި ވިޔަފާރިއާއި އިގުތިޞާދާއި އާޓް އެންޑް ކަލްޗާ އުފެއްދުންތެރިކަމާއި މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމާއި ކުށްމަދުކުރަން މަސައްކަތްކުރުމާއި ކުޅިވަރަށް ޚިދްމަތްކުރުމުގެ ދާއިރާ ހިމެނެއެވެ. އޭގެއިތުރުން ދަރުމަވެރިކަމާއި ވޮކޭޝަނަލް ޓްރެއިނިން އާއި ދުންފަތުގެ އިސްތިޢުމާލާއި ދެކޮޅަށް މަސައްކަތްކުރުމާއި ދުޅަހެޔޮ އާއިލާ ބިނާކުރުން ހިމެނެއެވެ.

މީގެ އިތުރުން ޝަހީދް ޖަވާދު އުމަރު އެވޯޑު ދިނުމަށްވެސް ހަމަޖެހިފައި ވެއެވެ.