ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ޢަބުދުލް ގައްޔޫމު ދަތުރުކުރެއްވި ރިޔާސީ ލޯންޗްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެއްޗެއް ގޮއްވައިލި ހާދިސާއަށް ފަހު ރާއްޖޭގެ ރިސޯޓްތަކުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވެފައި ހަމަނުޖެހުމެއްގެ އަމާޒަކަށް ޓުއަރިޒަމް އިންޑަސްޓްރީ ނުވެސްވާ ކަމަށެވެ.

"... އަޅުގަނޑުމެން ތިޔަބޭފުޅުންނަށް އަނެއްކާ ވެސް ޔަގީންކަން ދީފާނަން، އަދި ދަންނަވާނީ މިހާދިސާ އިން [ލޯންޗުގައި ބޮމެއް ގޮއްވައިލި ހާދިސާ] އިން ފިލާވަޅެއް ލިބިގަނެގެން ވެސް ރިސޯޓްތަކުގެ ސަލާމަތީ ކަންތައްތައް ވަނީ ވަރުގަދަ ކޮށްފައޭ،" ދުންޔާ ވިދާޅުވެފައިވެ އެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ ރާއްޖެ އަންނަ ޓުއަރިސްޓުންނަށް ރައްކާތެރިކަން އެބަ އޮތް ކަމަށާއި ގައުމު އޮތީ ވަރަށް އަމާންކޮށް ކަމަށެވެ.

ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ރިޔާސީ ލޯންޗްގައި އެއްޗެއް ގޮއްވައިލި ހާދިސާއާ ގުޅިގެން ބައެއް ގައުމުތަކުން، އެގައުމުތަކުގެ ޓޫރިސްޓުން ރާއްޖޭގެ ވެރިރަށް މާލެއަށް ދަތުރުކުރުމުގައި އެންމެ ބޮޑަށް ސަމާލުވުމަށް އަންގާފައި ވަނިކޮށެވެ.

ރިޔާސީ ލޯންޗްގައި އެއްޗެއް ގޮއްވައިލި ހާދިސާއާ ގުޅިގެން ރާއްޖޭގައި އަމާންކަމާއި ރައްކާތެރިކަން އޮތް މިންވަރާ މެދު ބައިނަލްއަގުވާމީ ބައެއް ނޫސްތަކުން ދަނީ ސުވާލުއުފައްދަމުންނެވެ.