28 Oct 2015, 10:19
މާލެއިން ފުރައިގެން އއ. އަތޮޅަށް ދަތުރުކުރި "މާރަނަ 4" ނަމަކަށް ކިޔާ ސަޕްލައި ދޯނިން ގެއްލުނު ދިވެހި މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުޙައްމަދު މިއަދު ސަންއަށް ވިދާޅުވީ، އެ ދިވެހި މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށެވެ.
ނޫކުލަ ލާފައިވާ، 75 ފޫޓުގެ މާރަނަ ދޯނިން ދަތުކުރީ ދެ ބިދޭސީންނާއި ދިވެއްސެކެވެ. އެތަނުން ދެ ބިދޭސީން ވަނީ ކަނޑުމަތިން ފެނިފަ އެވެ. ނަމަވެސް ދިވެހި މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މާރަނަ ދޯނި ގެއްލުނު ދުވަހު ވަނީ ލ. އަތޮޅުން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރި "ނޫމަސް" ނަމަކަށް ކިޔާ ދޯންޏަކާއި "އެޓޯލް އެކްސްޕްރެސް" ނަމަކަށް ކިޔާ ދޯންޏެއް ވެސް ހޯދަން ފަށާފަ އެވެ. އެ ދެދޯނި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން އަޑިއަށް ގޮސްފަ އެވެ.
ނަމަވެސް އެ ދެ ދޯނިން ދަތުރުކުރި އެންމެން ވަނީ ކޮންޓޭނަރެން ފެންމަތިކޮށް ފްލޯޓެއް ހަދައިގެން ސަލާމަތްކަން ހޯދާފަ އެވެ.