ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނުގެ އަތްޕުޅުގައި ފުރިހަމަ ކޮންޓްރޯލް އެބަ އޮތް ކަމަށާއި ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރުންގެ ފުރިހަމަ ތާއީދު އެމަނިކުފާނަށް އެބަ އޮތް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ރޮއިޓާސް އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ބައެއް ސިޔާސީ ބޭފުޅުން ރައީސް ޔާމީނުގެ ވެރިކަން ވައްޓައިލަން މަސައްކަތް ކުރައްވާ ކަމަށް ދެކެވޭ ވާހަކަ އަޑު އައްސަވާފައިވާ ކަމަށެވެ. އަދި އެވާހަކަތައް އޭނާ ދޮގު ކުރައްވާ ކަމަށް ރޮއިޓާސް އިން އިއްޔެ ޝާއިއުކުރި ހަބަރުގައި ބުނެފައިވެ އެވެ.

"... ރައީސްގެ އަތްޕުޅުގައި ފުރިހަމަ ކޮންޓްރޯލް އެބަ އޮތް. ސަރުކާރާއި ޕާޓީ (ޕީޕީއެމް) އޮތީ ފުރިހަމައަށް އެމަނިކުފާނުގެ ފަހަތްޕުޅުގައި،" ދުންޔާ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ދުންޔާ އަދި ވިދާޅުވެފައި ވަނީ ނައިބު ރައީސް އަޙުމަދު އަދީބުގެ މެމްބަޝިޕް ޕީޕީއެމުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

ދުންޔާ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ ޕީޕީއެމްގެ ބައެއް ޕާލަމެންޓް މެމްބަރުން ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނާ ދެކޮޅު ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން ރައީސްކަމުގެ މަގާމުން ޔާމީނު ދުރުކުރަން މަސައްކަތް ކުރައްވާ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ.