ވޮޝިންޓަން (28 އޮކްޓޯބަރ): ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ގާއިމްކޮށްފައިވާ ސިނާއީ ދެ ޖަޒީރާގެ ތެރެއިން އެއް ޖަޒީރާއާ ވަރަށް ކައިރިން ދަތުރުކުރި އެމެރިކާގެ އަސްކަރީ މަނަވަރަކަށް ޗައިނާއިން އިންޒާރު ދީފި އެވެ.

ޗައިނާގެ ޚާރިޖީ ވުޒަރާއިންބުނީ މި ޖަޒީރާގެ ކައިރިން ދަތުރުކުރި އެމެރިކާގެ އަސްކަރީ މަނަވަރުގެ ފަހަތުން ޗައިނާގެ އަސްކަރީ މަނަވަރެއްގޮސް އެފަދަ އަމަލެއް ދެން ތަކުރާރު ނުކުރުމަށް އެމަނަވަރަށް އިންޒާރު ދީފައިވާނެ ކަމުގައެވެ. އަދި އެމެރިކާގެ މި އަމަލަކީ ދެގައުމުގެ ގުޅުންތަކަށް ބުރޫއަރާފާނެ އަމަލެއްކަމަށާއި ދެކުނު ޗައިނާ ކަނޑުގައި ގާއިމްކޮށްފައިވާ ސިނާއީ ދެ ޖަޒީރާއަކީވެސް ޗައިނާގެ ބިމުގެ ބައެއްކަން އެމެރިކާއަށް ހަނދާންކޮށްދޭ ކަމަށް ޗައިނާގެ ޚާރިޖިއްޔާގެ ބަޔާނުގައިވެއެވެ.

ޗައިނާ ސިފައިންގެ އިންޒާރަށް އަދި ޗައިނާގެ ޚާރިޖިއްޔާގެ ބަޔާނަށް ރައްދު ދެމުން އެމެރިކާގެ ޚާރިޖިއްޔާއިން ބުނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ގާއިމްކޮށްފައިވާ ސިނާއީ ދެ ޖަޒީރާއަކީވެސް ޗައިނާގެ ބައެއްކަމަށް އެމެރިކާ އިޢުތިރާފް ނުވާކަމުގައެވެ. އަދި އޭގެތެރެއިން އެއްޖަޒީރާއާ ކައިރި ހިސާބަކުން އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރެއް ހަރަކާތްތެރިވުމަކީ ދެގައުމުގެ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރަންޖެހޭ ކަމެއްނޫންކަމަށްވެސް އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާން ޖޯން ކާބީ ވިދާޅުވި އެވެ.

ޗައިނާގެ ދެ ޖަޒީރާއަކީވެސް ދެކުނު ޗައިނާ ކަނޑުގައި ވާ ފަޅެއް ހިއްކައިގެން އެގައުމުން އުފައްދާފައިވާ ދެ ރަށެވެ. ޖޯން ކާބީ ވަނީ ދުރުރާސްތާގެ މިސައިލުން ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާ އެމެރިކާގެ މަނަވަރެއް ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ގާއިމްކޮށްފައިވާ ސިނާއީ ޖަޒީރާއެއްގެ ކައިރީގައި ހަރަކާތްތެރި ވެފައިވާ ކަމަށާއި އަދި އެ މަނަވަރު ފަހަތުން ޗައިނާގެ މަނަވަރެއް ގޮސް އެމެރިކާގެ މަނަވަރަށް އިންޒާރުދިންކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.

އޭނާ ވިދާޅުވީ، މިއީ މާބޮޑު މައްސަލައެއްކަމަށް އެމެރިކާ ނުދެކޭ ކަމުގައެވެ.

"މިފަދަ ކުޑަ ކަމަކުން އެމެރިކާއާއި ޗައިނާގެ ޒަމާންވީ ގުޅުންތަކަށް ބުރޫއަރާނެ ކަމަށް އެމެރިކާ ނުދެކޭ،" ކާބީ ދެއްވި ނޫސް ބަޔާނުގައި ވިދާޅުވިއެވެ.

ޗައިނާއިން ހިއްކައިގެން އުފެއްދި މިދެ ޖަޒީރާގެ މައްސަލައިގައި އެސަރަހައްދުގެ އެހެން ގައުމުތައްވެސް ވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. (ރޮއިޓާސް)