ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ބޭވަފާތެރިވެފައި ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވެއްޖެ އެވެ.

ސަން ޓީވީ ގެ 50 މިނިޓް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މައުރޫފް ވިދާޅުވީ ރައީސް ޔާމިން ދިން އިތުބާރާއި މަގާމު ބޭނުންކޮށްގެ ނައިބު ރައީސް ވަނީ ނާޖާއިޒް ފައިދާ ނަންގަވާފައި ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ދޭތެރޭ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރެއް ނެތިއްޔާ އަޅުގަނޑުމެންގެ ކޮން އިތުބާރެއްތޯ އޮންނާނީ،" މައުރޫފް ވިދާޅުވިއެވެ.

ސަރުކާރުގެ ކޯލިޝަންގެ މެމްބަރުން ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ތިއްބެވީ ތައްޔާރަށް ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި އެކަން އިރާދަކުރެއްވިއްޔާ ކާމިޔާބުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހަމަދުގެ އިތުބާރު ނެތް ކަމުގެ ގަރާރާއި ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި 21 ޖުލައިގައި ވާހަކަފުޅު ދައްކަވަމުންް މައުރޫފު ވިދާޅުވެފައި ވަނީ ނައިބަކަށް ދެން އަންނަ ބޭފުޅަކު ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ވަފާތެރި ނުވެއްޖެނަމަ ވީ އެންމެ އަވަހަކަށް އެބޭފުޅަކު ވަކި ކުރަން ޖެހޭނެ ކަމަށެވެ.

މައުރޫފް ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ނައިބު ރައީސް އަކީ ރަމްޒީ މަގާމެއް ކަމަށެވެ.

"އިންސާނާއަކީ މަތީ މަގާމަށާއި ބާރަށާއި ފައިސާ އަށް ޝައުގުވެރިކަން ހުންނަ މީހެއް. އެހެންވީމަ އެކަހަލަ ދޮރެއް ހުޅުވިފަ އިނުމަކީ އަދި ނައިބު ރައީސް އަކަށް ކޮންމެ ބޭފުޅަކު ހުއްޓަސް ޝައުގުވެރިވެދާނެ ކަމެއްގެ ގޮތުގައި މިއަދު މި ފެންނަނީ،" މައުރޫފް ވިދާޅުވިއެވެ.

އަދި މިކަމަށް ގެންނަންޖެހޭ ބަދަލެއް ރައްޔިތުން ނިންމަންޖެހޭ ކަމެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

މި ސަރުކާރުގައި ސިޔާސީ ކުށްވެރިން ނުތިބޭނެ ކަަމަށް މައުރޫފް ވިދާޅުވިއެވެ. ކުށަށް ކުރަން ކޮންމެ މީހަކު، އެމީހަކީ ނައިބު ރައީސް ކަަމަށް ވިޔަސް އަދި މިނިސްޓަރެއް ކަމެއް ވިޔަސް ގާނޫނުގެ ކުރި މައްޗަށް ގެންނާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ޝަރީއަތާއި ގުޅިގެން ކަންތައްތައް އޮޅުވާލައި ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ބަޔަކު މަސައްކަތްކުރަމުންދާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ރިޔާސީ ލޯންޗަށް ދިން ހަމަލާ މައުރޫފް ސިފަކުރެއްވީ 'މުޅި މުސްތަގުބަލަށް ދެވުނު ހަމަލާ އެއް' ގޮތުގައެވެ. ރިޔާސީ ލޯންޗުގައި ބޮމެއް ގޮއްވާލި ދުވަހު ރައީސްގެ އަރިހުގައި ހުންނެވި މައުރޫފް ވިދާޅުވީ އެ ދުވަހު ރައީސްގެ ހިކުުމަތްތެރިކަމާއި މަޑުމައިތެރިކަމާއި ކެތްތެރިކަން ފެނިވަޑައިގެންނެވި ކަމަށެވެ.