ޓީމުގެ މުހިއްމު ކުޅުންތެރިންތައް އެހެން ކްލަބްތަކަށް ދިޔުމުން ބަލިކަށިވެފައިވާ ނިއުރޭޑިއަންޓުން ވީބީއަށް ވަރުގަދަ ރައްދެއް ދީފި އެވެ.

ދިރާގު ދިވެހިލީގު ފުޓްބޯޅަ މުބާރާތް ހުޅުވަން ރޭ ކުޅެވުނު މެޗުގައި އެއްވެސް މެޗަކުން ބަލިނުވެ މިިދިޔަ އަހަރު ދިވެހިލީގު ހޯދި ވީބީއަށް މޮޅުވެވުނީ 3-2 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ދެ ލަނޑު ޖަހާ ލީޑް ނެގީ ވީބީން ނެވެ.
ފުރަތަމަ ލަނޑު 23 ވަނަ މިނެޓްގައި ކުޅަދާނަ ފޯވަޑް އަލީ އަޝްފާގު(ދަގަނޑޭ) ވީބީއަށް ޖަހާދިންއިރު ދެވަނަ ލަނޑު ޖަހާދިނީ މިއަހަރު ވީބީއާ ގުޅުނު ސަމްވީލު ގާސިމް(ބޮންޑާ) އެވެ. އެއީ 31 ވަނަ މިނެޓްގައެވެ.

ނަމަވެސް މެޗު ފެށިގެން ވަރަށް ކުރީކޮޅު އޭރިޔާ ތެރެއިން ނިއުގެ ކީޕަރު ޒިޔަޒަން އަލީ އަޝްފާގަށް ހަމަލާ ދިނުމުން ލިބުނު ޕެނަލްޓީ އަލީ އުމަރު ފޮނުވާލުމުން ޒިޔަޒަން ވަނީ މަތަކޮށްފައެވެ.

ޒުވާން ގިނަ ކުޅުންތެރިންތަކަކާއެކު ކުޅެމުން ދިޔަ ނިއުއިން ފުރަތަމަ ގޯލު ޖެހީ އިބްރާހީމް ޝިޔާމް(ދޮނާ) އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުއަށް އެއްވަރުކޮށްދިނީ ވެލެންސިއާއިން ބަދަލުވި އަލީ ފާސިރު(ސެންޓޭ) އެވެ.

ވީބީން ދެ ގޯލު ޖަހާފައި އޮއްވާ ހައިރާން ކުރުވަނިވި ގޮތަކަށް ނިއު އެއްވަރު ކުރުމުން މެޗުގެ ފޯރި ގަދަވެގެން ދިޔައެވެ. ނަތީޖާއަކަށްވެގެން ދިޔައީ ރެފްރީ އަލީ ސަލީމަށްވެސް ކުޅުންތެރިންނާއި އޮފިޝަލުންގެ ފަރާތުން ހިތްހަމަ ނުޖެހުންތައް ފެނިގެން ދިޔުމެވެ.

މެޗުގައި ވީބީ މޮޅުކޮށްދިނީ އާދަމް ލަރީފު(ރޮނާލްޑޯ) އެވެ. ޒިޔަޒަންގެ އަތުގައި ޖެހިފައި ނުކުތް ބޯޅަ ރޮނާ ޖެހީ މުޅިން ހުސްކޮށް ހުރެފައެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ވެލެންސިއާ އާއި އީގަލްސްއެވެ.