27 Oct 2015, 23:07
މިހާރު ފެންނަމުންދާ މަންޒަރުތަކުންނާއި އަލިވިލެމުންދާ ކަންތައްތަކުން ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްވާނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެ އެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ އަދީބާ ދެކޮޅަށް ސަރުކާރު ކޯލިޝަނުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ފާސްވާނެ ކަމުގެ "ސައްތައިން ސައްތަ" ޔަގީންކަން އެބަ އޮތް ކަމަށެވެ.
އާރިފް ވިދާޅުވީ އެ ހުށަހެޅުން ފާސްވާނެކަން ޔަގީން ވަނީ މިހާރު ފެންނަމުންދާ މަންޒަރުތަކާއި އަލިވިލެމުންދާ ކަންތައްތަކުގެ ސަބަބުން ކަމަށެވެ.
އޭނާ އެ އިޝާރާތް ކުރައްވާ "އަލިވިލެމުންދާ ކަންތައްތަކަކީ" ކޮބައިކަމެއް ވިދާޅެއް ނުވެ އެވެ.
އަލީ އާރިފް ވިދާޅުވީ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަންގަވާފައި ނުވާ ކަމަށެވެ. ނަމަވެސް އަދީބުގެ އިތުބާރު ނެތް ކަމަށް ސަރުކާރު ކޯލިޝަނުން ހުށަހަޅާފައި ވަނީ "އަމިއްލަ ޒިންމާއެއް" ކަމުގައި ދެކިގެން ކަމަށް ވިދާޅުވި އެވެ.
އެއީ ޒާތީ ކަމެއް އޮވެގެން ކުރާ ކަމެއް ނޫން ކަމަށް ވެސް އާރިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިދިކޮޅު އެމްޑީޕީއާ ގުޅިގެން ރައީސް ޔާމީންގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅުއްވަން އަދީބު މަސައްކަތްޕުޅު ކުރެއްވި ހިސާބުން، އަދީބުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އަދީބުގެ މައްޗަށް އެންމެ ފުރަތަމަ ތުހުމަތުތަކެއް ކުރި ދަނޑިވަޅުގައި ވެސް ރައީސް ޔާމީން އެމަނިކުފާނަށް އިތުބާރު ކުރެއްވި ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ އިތުބާރު އަދީބުގެ މައްޗަށް ގެއްލުނީ، "ހެކި" ފެނުމުން ކަމަށް ޝައިނީ ވިދާޅުވި އެވެ.
ނައިބު ރައީސް އަދީބުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ސަރުކާރު ކޯލިޝަނުން ވަނީ 52 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާފަ އެވެ. އެ މައްސަލަ މަޖިލީހަށް ވެއްދީ ޕީޕީއެމާއި އެމްޑީއޭ އަދި ޖޭޕީގެ މެމްބަރުންގެ ސޮޔާއެކުގަ އެވެ.
ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަޣުލަބިއްޔަތެވެ.