27 Oct 2015, 20:55
އިންޓަ އޮފީސް ބެޑްމިންޓަށް މުބާރާތުގެ ފިރިހެނުންގެ ބައިން އެމްއެންޑީއެފް ޗެޕްޕިއަންކަން ހޯދިއިރު، އެ މުބާރާތުގެ އަންހެނުންގެ ބައިން ބީއެމްއެލް އެޗްޕިއަންކަން ހޯދައިފި އެވެ.
ސަރުކާރުގެ އޮފީސްތަކަށާއި ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގައި 35 ޓީމުން ބައިވެރިވި އެވެ. މި މަހުގެ ނުވަ ވަނަ ދުވަހު ފެށި މުބާރާތުގެ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަންގެ ފައިނަލް މެޗުތައް ކުޅެފައި ވަނީ އިއްޔެ އެވެ.
އިއްޔެ ކުޅުނު ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ދެކޮޅަށް ކުޅެން ނުކުތީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ. އެ މެޗު އެމްއެންޑީއެފުން ކާމިޔާބު ކުރީ ހަތަރު ގޭމް ތިން ގޭމުންނެވެ.

ސަރުކާރުގެ އޮފީސްތަކަށާއި ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި އެއް ވަނަ އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތް އަންހެން ޑިވިޝަންގެ ޗެމްޕިއަން ބީއެމްއެލްގެ ޓީމް ތައްޓާއެކު --- ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން
އަށާރަ ދުވަހަށް ކުރިއަށް ގެންދިޔަ އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތުގެ ސަބަބުން ފުޅާ ދާއިރާއެއްގައި ބެޑްމިންޓަން ކުޅޭނެ ކުޅުންތެރިން އުފެދިގެންދާނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ޗެއާމަން މޫސާ ނާޝިދު ވަނީ ވިދާޅުވެފަ އެވެ.
ކުރީގެ ބެޑްމިންޓަން އެއް ވަނަ ކުޅުންތެރިޔާ މޫސާ ނާޝިދު ވިދާޅުވީ އެ މުބާރާތުގެ ބޭނުމަކީ ބެޑްމިންޓަން ކުޅޭނެ ކުޅުންތެރިން ހޯދުން ކަމަށާއި މުބާރަތަށް އޮފީސްތަކަށާއި ކުންފުނިތަކުން ބޮޑު ފޯރިއެއް ލިބެމުންދާ ކަމަށެވެ.