ފުލުހުންގެ ބައެއް ކޮމާންޑުތަކާއި ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތައް ހިންގަވާ އޮފިސަރުން ބަދަލުކޮށްފި އެވެ.

ފުލުހުންގެ ކޮމާންޑުތަކުގެ އޮފިސަރުންގެ މަގާމަށް ބަދަލު ގެންނެވީ ފުލުސް އޮފީސް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އަހުމަދު އަރީފެވެ. އޭނާ އެ ބަދަލު ގެންނަވާފައި ވަނީ ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް ފުލުހުންގެ މީޑިއާއިން ބުންޏެވެ.

އެގޮތުން ކޮމިޝަނާސް ބިއުރޯގެ ހެޑަކަށް އައްޔަންކޮށްފައި ވަނީ އެސިސްޓެންޓް ކޮމިޝަނާ ޢަބްދުލް މައްނާނު ޔޫސުފެވެ. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑައިރެކްޓްރޭޓުގެ ހެޑަކަށް އައްޔަންކޮށްފައި ވަނީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އެވެ. ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑަކަށް އައްޔަން ކުރައްވާފައި ވަނީ އެސިސްޓެންޓް ކޮމިޝާ އަލީ ޝުޖާޢު އެވެ. އަދި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑަކަށް އައްޔަންކޮށްފައި ވަނީ ސުޕްރިންޓެންޑެންޓް މޫސާ ޢަލީ އެވެ. ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑަކަށް އައްޔަންކޮށްފައި ވަނީ ސުޕްރިންޓެންޑެންޓް ޙުސައިން ރަޝީދެވެ. ސްޓްރެޓިޖިކް އެންޑް ލީގަލް ޑިޕާޓްމަންޓުގެ ހެޑަކަށް އައްޔަންކޮށްފައި ވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާނެވެ.