27 Oct 2015, 20:28
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން ސިފައިންނާއި ފުލުހުން ބަންދުކޮށްފައި ބެހެއްޓުމުގެ ސަބަބުން ތިން ރޯޑް ޝޯއެއް ކެންސަލްކުރަން ޖެހިއްޖެ ކަމަށް 'ސަން' އަށް އެނގިއްޖެ އެވެ.
ކެންސަލް ކުރަންޖެހުނު ރޯޑް ޝޯތަކަކީ ޗައިނާ، ފްރާންސް އަދި އެމެރިކާގައި ބާއްވަން ހަމަޖެހިފަ އޮތް ރޯޑް ޝޯތަކެވެ.
މިމަހުގެ 18 ވަނަ ދުވަހުގެ ރޭ އެމްއެމްޕީއާރުސީ އަށް ވަދެ އެތަން ފުރަތަމަ ޗެކް ކުރީ ސިފައިންނެވެ. އެހެންނަމަވެސް ފަހުން ވަނީ އެ އޮފީސް ޗެކްކުރުމުގައި ފުލުހުން ވެސް ބައިވެރި އެވެ. އޭގެ ފަހުން ފުލުހުންނާއި ސިފައިން ބަލަހައްޓަމުންދާ އެ އޮފީސް ހުންނަނީ ބަންދުކޮށްފަ އެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި އެމްއެމްޕީއާރުސީ އޮފީހުން އެންމެ ބޮޑަށް ބަލާފައި ވަނީ އެ އޮފީހުގެ އެކައުންޓްތަކާއި އެސްއީޒެޑާ ބެހޭ ލިޔުންތަކެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވަނީ އެމްއެމްޕީއާރުސީގެ ޚާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތަށް އަންގަވައިފަ އެވެ.
ކޮރަޕްޝަންގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ހަސަން ޒިޔަތަކީ ދެބެއިންނެވެ.
އެމްއެމްޕީއާރުސީން ގާނޫނާއި ގަވައިދާ ޚިލާފަށް ފުލުހުންނާއި ސިފައިނަށް ޚަރަދުކޮށްފައިވާ ކަމަށް ރައީސް ޔާމިން ވަނީ ވިދާޅުވެފަ އެވެ.