27 Oct 2015, 18:42
ފުލުހުންނާ ގުޅޭ ގޮތުން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް ހުށަހަޅާ މައްސަލަތައް ވަކި ފުލުހެއްގެ ނުފޫޒު އޮވެގެން ނުބެލި އޮވެގެން ނުވާނެ ކަމަށް ފުލުސް އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އަޙްމަދު ޢަރީފް ވިދާޅުވެއްޖެ އެވެ.
ފުލުސް އޮފީހުގެ އިދާރީ ހިންގުމުގެ ތެރެއިން ފުލުހުންގެ މައްސަލަތައް ބަލަނީ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންނެވެ. ފުލުސް އޮފީސް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޑީސީޕީ އަރީފު މިއަދު ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ވެރިންނާއި މުވައްޒަފުނާ ބައްދަލު ކުރައްވާފަ އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ފުލުހުންގެ ވެބްސައިޓުގައި ބުނެފައި ވަނީ ފުލުހުންގެ މައްސަލަތައް ހަމަހަމަކަމާއި އިންސާފުވެރި ކަމާއެކު ބެލިގެންދާން ޖެހޭނެ ކަމަށާއި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އެއްވެސް ފުލުހަކަށް އަދި އެއްވެސް މުވައްޒަފަކަށް ވެސް ނުދެއްވާނެ ކަމަށް އަރީފު ވިދާޅުވި ކަމަށެވެ.
ފުލުހުންނާ ގުޅޭގޮތުން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް ހުށަހަޅާ މައްސަލަތައް ވަކި ފުލުހެއްގެ ނުފޫޒު އޮވެގެން ނުބެލި އޮވެގެން ނުވާނެ ކަމަށާއި "ޕެންޑިންގައި" އެއްވެސް މައްސަލައެއް އޮތުމުގެ ފުރުޞަތު ދެވިގެން ނުވާނެ ކަމަށް އަރީފު ވިދާޅުވި ކަމަށް ފުލުހުންގެ ވެބްސައިޓުގައިވެ އެވެ.
އަރީފު ވިދާޅުވީ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް ހުށަހަޅާ މައްސަލަތަކުގެ ތެރެއިން މުޅި މުއައްސަސާގެ ހިންގުން ހަރުދަނާ ކުރަންޖެހޭ ފަދަ ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ފޮނުވަންޖެހޭނީ ފުލުސް އޮފީސް ހިންގެވުމާ އެވަގުތަކު ހަވާލުވެވަޑައިގެން ހުންނެވި ފަރާތަކަށް ކަމަށެވެ.
"ފުލުހުންގެ މުއައްސަސާގެ ހިންގުން ހަރުދަނާކޮށް ފުލުހުންގެ ޤާބިލްކަން އިތުރުކޮށް ސްލޫކު ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަން އަވަސް މުއްދަތެއްގެ ތެރޭގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވީ ފުލުހުންނާ ގުޅޭގޮތުން ބަލާ ކޮންމެ މައްސަލައެއް އަދި ހުށަހެޅޭ ކޮންމެ ޝަކުވާއެއްވެސް ބަލަން ވާނީ އިންސާފުވެރިކަމާ ހަމަހަމަ ކަން މަތީގައި ކަމަށެވެ،" ފުލުހުންނާ ގުޅޭ ހަބަރުތައް ޝާއިއު ކުރާ ޕޮލިސް ލައިފްގައި ބުނެފައިވެ އެވެ.
އަރީފު ވިދާޅުވީ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަކީ ފުލުހުންގެ ތެރޭގައި އެއްވެސް ނުފޫޒެއް ނެތި މިނިވަން ކަމާއެކު މަސައްކަތް ކުރާ ގުނަވަނަކަށް ވާންޖެހޭނެ ކަމަށާއި ފުލުހުންގެ މަސައްކަތުގެ ޕްރޮފެޝަނަލިޒަމް ދަމަހައްޓައި، ފުލުހުންގެ ކިބައިގައި މަސައްކަތު އަޚްލާޤާ ސްލޫކު ހަރުދަނާ ކުރަންޖެހޭނީ އެ ކޮމާންޑުން ކަމަށެވެ.