ސައުދީ އަރަބިއާއިން އިސްވެއޮވެ ދިން ހަމަލާއެއް ޔަމަނުގައި ހުންނަ އިންސާނިއްޔަތަށް މަސައްކަތްކުރާ ބައިނަލް އަގްވާމީ ޖަމާއަތެއް ކަމަށްވާ މެޑިސާ ސާ ފްރޮންޓިއާސްގެ ހީދަން ހޮސްޕިޓަލަށް އަމާޒުވެއްޖެއެވެ.

އެ ހަމަލާގައި ހޮސްޕިޓަލް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލްގެ ޑިރެކްޓަރު އަލީ މުގްލީ ވިދާޅުވި އެވެ.

"ވައިގެ ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލްގައި ތިބި ހުރިހާ ވަސީލަތްތައް ހަލާކުވި. އަދި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުނު،" އަލީ މުގްލީ ވިދާޅުވިއެވެ.

އުތުރު ޔަމަންގެ ސާދާގައި ހުންނަ އެ ހޮސްޕިޓަލުން ކުރި ޓްވީޓެއްގައި ވަނީ ރޭ ވައިގެ ހަމަލާތައް ދިންއިރު ބަލިމީހުންނާއި މުވައްޒަފުން ވެސް އެ ހޮސްޕިޓަލްގައި ތިބި ކަމަށެވެ.

ހޫސީން ޔަމަނުގެ ސަރުކާރު ވައްޓާލުމާ ގުޅިގެން ފެށުނު މަދަނީ ހަނގުރާމައިގައި ޔަމަނުގެ ކުރީގެ ސަރުކާރަށް އެހީ ވުމަށްޓަކައި ސައުދީން އިސްވެއޮވެ އަރަބި ކޯލިޝަނެއްހަދައި ހަނގުރާމަފަށާފައި ވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

ހޫސީންގެ ނިއުސް އެޖެންސީ ސަބާއިން ބުނީ ސައުދީ އިސްވެއޮވެ ރޭ ދިން ވައިގެ ހަމަލާތައް ހޮސްޕިޓަލާ ކައިރީ ހުރި ސްކޫލްތަކަށާއި އާންމުންގެ ގެތަކަށް އަމާޒުވެފައިވާ ކަމަށެވެ.

މިކަމާ ބެހޭގޮތުން ސައުދީ ކޯލިޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

މައުލޫމާތު: ރޮއިޓާސް