31 Mar 2011, 12:25
ގާނޫނީ ގޮތުން ކުޑަކުއްޖެއް ކަމަށް ބަލާ އުމުރުފުރައަކީ 16 އަހަރުން ދަށް ކަމަށް ބަދަލުކުރުމަށް ކުޑަ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.
ކުޑަ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގައި ކުޑަ ކުއްޖެއް ކަމަށް ބަލާ އުމުރުފުރައަކީ 18 އަހަރުން ދަށެވެ. ނަމަވެސް މަހުލޫފު ހުށަހަޅުއްވި އިސްލާހު ފާސްވެއްޖެ ނަމަ ކުޑަ ކުދިންގެ އުމުރު ފުރާ ކަމުގައި ބަލާނީ 16 އަހަރުން ދަށެވެ.
ރާއްޖޭގައި ހިންގާ ނުރައްކާތެރި ބޮޑަތި ކުށްތަކުގައި 18 އަހަރުނުފުރޭ ކުދިން ބައިވެރިވުން އިތުރުވެފައިވާ ދަނޑިވަޅެއްގައި ގާނޫނީ ގޮތުން ކުޑަ ކުއްޖެއް ކަމުގައި ބަލާ އުމުރުފުރާ ބަދަލުކުރުމަށް އިސްލާހު ހުށަހެޅުއްވި އަހުމަދު މަހުލޫފް އިއްޔެ ވިދާޅުވީ އެ އިސްލާހުގެ މަގުސަދަކީ ކުށްކުރުމުގެ މާހައުލަށް ވަންނަ ކުދިންނާއި އަދި ކުށުގެ ވެއްޓަށް ހުށަހެޅިދާ ފަދަ ހާލަތެއްގައި ތިބި ކުދިން ބޮޑަތި ކުށްތައް ކުރުމާއި އަދި ކުށްތަކުގައި ބައިވެރިކުރުވުން ހުއްޓުވުން ކަމަށެވެ.
"ގާނޫނުގައި މިގޮތައް އޮންނާތީ މީހުން މިބަލަނީ އެ ކުދިންނަށް ކޮންމެވެސް ނުފޫޒެއް ފޯރުވައިގެން އެ ކުދިން ކުށްކުށުގައި ބައިވެރިކުރަން. އެނގިވަޑައިގަންނަވާނެ ބޮޑަތި ކުށްތަކުގައި ގިނަ އަދަދަކަށް މި ތިބެނީ 18 އަހަރު ނުފުރޭ ކުދިން،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ ގިނަ ކުދިންނަކީ މަތީ ތައުލީމުގެ ފުރުސަތު ނުލިބޭ ކުދިންނަށް ވުމުން އެ ދެ އަހަރު ދުވަހުގެ ތެރޭގައި އެ ކުދިން މަގުމައްޗަށް ނިކުމެ ބޮޑަތި ކުށްތަށް ކުރަން ފަށާކަމަށެވެ.
"މިކަން އެކަންޏެއް ނޫން. މިއާ އެކު އެ ކުދިންނަށް އެބަޖެހޭ ވަޒީފާގެ ފުރުސަތުތަކާ އެއްޗި ތަނަވަސްވާން." މަހުލޫފް ވިދާޅުވި އެވެ.
ރައްޔިތުންމަޖިލީހުގެ އިދާރާ އިން މިއަދު ބުނީ ކުޑަ ކުދިންގެ އުމުރު ފުރާ 16 އަހަރުން ދަށަށް ބަދަލުކުރުމަށް މަހުލޫފު ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން އަންނަ ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަސްލާ އަށް މިހާރު ޝެޑިއުލްކޮށްފައިވާ ކަމަށެވެ.