މޯލްޑިވްސް މާކެޓިން އެންޑް ޕަކްރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އޮޑިޓް ކުރުމުގައި އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތުގެ ބައިވެރިނުވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ސަރުކާރުން މިއަދު ވަނީ އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓް އޮފީހަށް އަންގާފައެވެ. ތަހުގީގަށް އެއްބާރުލުން ނުދީގެން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހައްޔަރުކޮށްފައިވާއިރު އޮޑިޓާ ޖެނެރަލްއަކަށް ހުންނަވަނީ އޭނާގެ ބޭބެ ހަސަން ޒިޔަތު އެވެ.

އޮޑިޓާ ޖެނެރަލް ޒިޔަތު މިއަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ އެއޮޑިޓް ތައްޔާރު ކުރުމުގައި އެމަނިކުފާނުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އެ އޮޑިޓް ތައްޔާރުކުރާނީ އެސިސްޓެޓް އޮޑިޓާ ޖެނެރަލް އައިމަން އިބްރާހިމްގެ ބެލުމުގެ ދަށުން ކަމަށެވެ.

"މި ހާއްސަ އޮޑިޓަކީ މިނިވަން އެއްޗަކަށް ވާނެ ކަން ޔަގީން، މި އޮޑިޓްގައި އަޅުގަނޑު ހުންނާނީ އެއްފަރާތްވެލައިގެން،" ޒިޔަތު ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން އެމްއެމްޕީއާރުސީ އޮޑިޓް ކުރުމަށް ސަރުކާރުގެ ފަރާތުން އޮޑިޓާ ޖެނެރަލް އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީ އޮޑިޓް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އިރު އެކުންފުއްޏާ ގުޅޭ ގޮތުން ތަފާތު މައްސަލަތަކެއް މިހާރު ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި ފައިސާ އާ ގުޅޭ މައްސަލަތަކާއި އޮޅުވާލައިގެން ރާއްޖެ އެތެރެކުރި ބަޑިބޭސް ކޮންޓޭނަރެއްގެ މައްސަލައެއް ހިމެނެ އެވެ.