27 Oct 2015, 17:03
ތޭރަ އަހަރުވަންދެން ޕާކިސްތާނުގައި އުޅުނު ގީތާ އިއްޔެ އިންޑިއާއަށް އަނބުރާ ދިޔަ ވާހަކަ ވެގެން ދިޔައީ ގީތާ ގޮތަށް އޮޅިގެން އިންޑިއާއަށް ވަދެވުނު މުހައްމަދު ރަމްޒާން އަށް އަނބުރާ ޕާކިސްތާނަށް ދިޔުމަށް ލިބުނު ހިތްވަރެއްގެ ގޮތުގައެވެ.
އިންޑިއާގެ ބޮޑު ވަޒީރުގެ އޮފީހުން ބުނިގޮތުގައި ސަރުކާރުން ދަނީ 15 އަހަރުގެ ރަމްޒާންގެ ކޭސް އަނެއްކާވެސް ބަލަމުންނެވެ. އޭނާ އިންޑިއާގައި އުޅޭތާ ވަނީ ދެ އަހަރު ވެފަ އެވެ.
ޓައިމްސް އޮފް އިންޑިއާއިން ބުނާގޮތުގައި ރަމްޒާން ބަންގްލަދޭޝް އިން އިންޑިއާ އަށް ވަދެފައި ވަނީ އޭނާއަށް އަނިޔާކުރި ބައްޕަ އާއި ދޮންމަންމަގެ ކިބައިން ސަލާމަތްވުމަށެވެ.
ރަމްޒާންގެ ބައްޕަ ޕާކިސްތާނުން ބަންގްލަދޭޝްއަށް ބަދަލުވެފައި ވަނީ މީގެ ފަސް ވަރަކަށް އަހަރު ކުރިންނެވެ. އަދި އޭގެ ފަހުން އެގައުމުގެ މީހަކާ ކައިވެނި ކުރީ އެވެ.
އިންޑިއާއަށް ގޮސް އުޅެނިކޮށް ރަމްޒާން ހިފަހައްޓާފައި ވަނީ 2013 ވަނަ އަހަރު ބޯޕާލް އިންނެވެ. އޭގެ ފަހުން އޭނާ ބަހައްޓާފައި ހުރީ ބޯޕާލްގައެވެ.
ގީތާ އިންޑިއާއަށް އަނބުރާ ފޮނުވުމުގައި އުޅުނު ޕާކިސްތާނުގެ އެކްޓިވިސްޓެއް ކަމަށްވާ އަންސާރު ބާނޭ ބުނެފައިވާ ގޮތުގައި އޭނާ ވަނީ ރަމްޒާން ޕާކިސްތާނަށް ގެނައުމަށްޓަކައި ކެމްޕެއިނެއް ފަށާފަ އެވެ.
"ރަމްޒާން ގެ ހުރިހާ ލިޔެކިޔުމެއް މިހާރު ވާނީ އިންޑިއާގެ ރައީސް އަށް ފޮނުވާފަ. އުއްމީދު ކުރަން މި ފަހަރު ނަތީޖާ ރަނގަޅު ވާނެ ކަމަށް،" އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުންގެ ކޮންސަލްޓަންޓަކާ ހަވާލާދީ ހިންދުސްތާނު ޓައިމްސްގައި ބުނެފައި ވެއެވެ.
ކުރިން ރަމްޒާންގެ ކޭސް ބަލައިނުގެންފައި ވަނީ ރަމްޒާން ޕާކިސްތާނަށް ނިސްބަތްވާ ކަމުގެ އެއްވެސް ހެއްކެއް ނެތުމުންނެވެ. ނަމަވެސް ޚާރިޖީ ކަންތަކާބެހޭ މިނިސްޓްރީން އެ ކޭސް އަނެއްކާވެސް ބަލަން ފަށާފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފައި ވެއެވެ.