ތަހުގީގަށް ބަންދުކޮށްފައި ތިބޭ މީހުންނާއި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާ އެއް މަސް ވަންދެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފަށް ބައްދަލު ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން އަންގައިފި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ސޮއިކުރައްވައި އިއްޔެ ހަސަން ލަތީފަށް ފޮނުއްވި ސިޓީގައި ވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ދެނީ ޖަލުތަކާއި ޕެރޯލް ގާނޫނުގެ 88 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށެވެ.

އެ މާއްދާގައިވާ ގޮތުން އެ ފުރުސަތު ދޭންޖެހެނީ ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ހުކުމް ތަންފީޒުކުރާ ފަރާތުގެ ގާނޫނީ ވަކީލުގެ ހައިސިއްޔަތުން ކަމަށް އެ ސިޓީގައިވެއެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު އެތައް ދުވަހަކު ހަސަން ލަތީފަށް ދީފައިވާ ކަމަށާއި ނަމަވެސް އެ ބައްދަލުވުންތަކަށްފަހު މައްސަލައާ ގުޅުންނެތް ސިޔާސީ ވާހަކަތައް ޖަލުގައި ބަންދުކޮށްފައިވާ ކުށްވެރިޔާގެ ނަމުގައި އަދި އެ ކުށްވެރިޔާ އެދޭގޮތް ކަމަށް ވިދާޅުވެ ބައެއް ވާހަކަތައް އޭނާ ސޯޝަލް މީޑިއާ މެދުވެރިކޮށް ތަކުރާރުކޮށް ރައްޔިތުންނާ ހިއްސާކޮށްފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.

ސޯޝަލް މީޑިއާގައިހަސަން ލަތީފް އާންމުކޮށްފައިވާ ވާހަކަތަކަކީ އޭގެ ސަބަބުން އާންމު މަސްލަހަތަށާއި ދައުލަތުގެ ކަރާމާތައް ގެއްލުންވާފަދަ ވާހަކަތަކެއް ކަމަށް ވެސް ހޯމް މިނިސްޓްރީގެ ސިޓީގައި ވެއެވެ.