27 Oct 2015, 16:24
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް މުދާ އެތެރެ ކުރި މިންވަރާއި ރާއްޖެއިން މުދާ ބޭރު ކުރި މިންވަރު އިތުރުވެއްޖެ އެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓުކުރެވުނު މުދަލުގެ ސީއައިއެފް އަގު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު އެއް ޕަސެންޓް އިތުރުވެފައެވެ. މިއަހަރުގެ މިހާތަނަށް 23.5 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާއިރު މިދިޔަ އަހަރުގެ އެހާތަނަށް އެތެރެކޮށްފައިވަނީ 23.3 ބިލިއަން ރުފިޔާގެ މުދަލެވެ.
އެ ތަފާސް ހިސާބްތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއިން އެކްސްޕޯޓުކުރެވުނު މުދަލުގެ އަގުވެސް ވަނީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅައިބަލާއިރު 43 ޕަސެންޓް އިތުރު ވެފައެވެ. މިދިޔަ އަހަރު ސެޕްޓެމްބަރުގެ ނިޔަލަށް 1.98 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައި ވާއިރު މިއަހަރު އެ އަދަދު ވަނީ 2.84 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މިދިޔަ އަހަރާ އަޅައިބަލާއިރު ދުނިޔޭގެ ބާޒާރުގައި މިއަހަރު ތެލުގެ އަގު އެވްރެޖްކޮށް ބޮޑުތަން ދަށްވެފައިވާ ވުމަކީ، ރާއްޖޭގެ އިމްޕޯޓު އިތުރުވަމުން އައި ނިސްބަތް ދަށްވެފައިވާ މައިގަނޑު ސަބަބު ކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. އެގޮތުން، މިދިޔަ އަހަރު، މެޓްރިކް ޓަނެއްގެ އަގު އެވްރެޖްކޮށް 15,000 ރުފިޔާގައި ހުރި އިރު މިއަހަރު މެޓްރިކް ޓަނަކަށް އެވްރެޖްކޮށް ޖެހިފައިވަނީ 8,800 ރުފިޔާއަށް ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބްތަކުން ދައްކައެވެ. މިއީ ގާތްގަނޑަށް 52 ޕަސެންޓް ދަށްވުމެކެވެ.
އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ސެޕްޓެމްބަރުމަހުގެ ނިޔަލަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 14 ޕަސެންޓް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.43 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ މިހާތަނަށް 1.63 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.