27 Oct 2015, 17:25
އެކި ކަހަލަ ބަލިތަކުން ރައްކާތެރި ވުމަށް ހުޅުމާލޭގައި ކަރަންޓީން ފެސިލިޓީއެއް ގާއިމު ކުރުމަށް ހެލްތު މިނިސްޓްރީއަށް ހަވާލުކޮށްފައިވާ ބިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފި އެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމެވެ. އަދި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.
ހެލްތް މިނިސްޓްރީ އާއި އެޗްޓީސީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަރަންޓީން ފެސިލިޓީއަކީ މިހާރު ރާއްޖޭގައި ކޮންމެހެން ހުންނަން ޖެހޭ ތަނެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ފެސިލިޓީ ހެދުމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ)ގެ ފަރާތުން 4.2 މިލިއަން އެމެރިކާ ޑޮލަރު ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ އިތުރުން 200،000 އެމެރިކާ ޑޮލަރު ސަރުކާރުގެ ބަޖެޓުން ވެސް ހޭދަ ކުރުމަށް ނިންމާފައިވާ ކަމަށް އިރުތިޝާމް ވިދާޅުވިއެވެ.
އަންނަ މަހުގައި އެ ފެސިލިޓީގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު އެ މަސައްކަތް ނިންމުމަށް އެއް އަހަރުގެ މުއްދަތެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ކަރަންޓީނު ފެސިލިޓީގައި އެކި ކަންތައް ތަހުގީގު ކުރުމަށް ހާއްސަ ލެބޯރަޓޮރީތަކެއް ގާއިމު ކުރާނެ ކަމަށެވެ. އެ ފެސިލިޓީ ގާއިމު ކުރާނީ ބައިނަލްއަގުވާމީ ފެންވަރުތަކާ އެއްގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.