ވޮޝިންޓަން (އޮކްޓޯބަރ 27): ކުރިޔަށްއޮތް އަހަރުތަކުގައި ދުނިޔޭގެ ހޫނުމިން މައްޗަށް ދާނެ ކަމަށް ލަފާކުރެވިފައިވާތީ މީގެ ފަސްދޮޅަހަކަށް އަހަރުފަހުން ގަލްފު ސަރަހައްދުގެ ގައުމުތަކުގައި (ހޫނު މޫސުމުގައި) އިންސާނުންނަށް ދިރިނޫޅެވޭ މިންވަރަށް އެގައުމުތަކުގެ ހޫނުމިން މައްޗަށްދާނެކަމަށް ކަމާބެހޭ އިލްމީ ދިރާސާއެއް ބުނެފި އެވެ.

"ނޭޗަރ ކްލައިމެޓް ޗޭންޖް" މަޖައްލާގައި ޝާއިޢުކޮށްފައިވާ މިދިރާސާ ބުނާގޮތުން 2071 ވަނަ އަހަރާ ހަމައަށްދާއިރު ސައޫދީ އަރަބިޔާއާއި ޔޫއޭއީއާއި ގަތަރާއި އުމާން އަދި ކުވައިތުގެ ހޫނުމިން އިންސާނުންނަށް ދިރިނޫޅެވޭ މިންވަރަށް (ހޫނު މޫސުމުގައި އެވްރެޖްކޮށް 55 އާއި 60 ޑިގްރީ ސެލްސިއަސް ގެ މިންވަރަކަށް) ހޫނުމިން މައްޗަށްދާނެއެވެ. މީގެއިތުރުން އީރާނުގެ ދެކުނުގެ ސަރަހައްދުތަކާއި އިރާގުގެ ދެކުނުގެ ސަރަހައްދުތަކާއި ޕާކިސްތާނާއި އިންޑިޔާގެ މެދުތެރޭ ސަރަހައްދުތަކުގައިވެސް އިންސާނުންނަށް ދިރިނޫޅެވޭ މިންވަރަށް ހޫނުމިން މައްޗަށްދާނެއެވެ.

މިހާރުވެސް ގަލްފުގެ ގައުމުތަކަކީ ހޫނު މޫސުމުގައި (ޖޫންއާއި އޮގަސްޓް މަހާ ދެމެދު) އެވްރެޖްކޮށް 45 އާއި 52 ޑިގްރީ ސެލްސިއަސް އަށް ހޫނުމިން މައްޗަށްދާ ގައުމުތަކެކެވެ. އަދި އިންޑިޔާއާއި ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކާއި އިރާގާއި އީރާނުގެ ދެކުނާއި މެދުތެރޭ ސަރަހައްދުތަކުގައިވެސް މިއަހަރުވެސް 50 ޑިގްރީ ސެލްސިއަސް އަށް ހޫނުމިން މައްޗަށް ދިޔުމުގެ ސަބަބުން އެތަށް ހާސްބަޔަކު މަރުވެފައިވެއެވެ.

މިސަރަހައްދުތަކުގައި ހޫނު މޫސުމުގައި ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށްދަނީ ހަނަފަސް ސަހަރާ އަށްވުމުގެ ސަބަބުންނެވެ.

ޕާކިސްތާނާއި އީރާނާއި އިންޑިޔާގައިވެސް ހޫނު މޫސުމުގައި ހޫނުމިން 50 ޑިގްރީއަށް މައްޗަށްދަނީ ހަނަފަސް ސަރަހައްދުތަކުގައެވެ.

ގަލްފުގެ އަރަބި ގައުމުތަކަށް ބަލާއިރު ސައޫދީ އަރަބިޔާއާއި ޔޫއޭއީއާއި ގަތަރާއި އުމާން އަދި ކުވައިތުގެ އެތަށް ސަރަހައްދެއްގެ ހޫނުމިން މިއަހަރުގެ ހޫނު މޫސުމުގައި 53 ޑިގްރީ ސެލްސިއަސް އަށް ގޮސްފައިވާކަން އެގައުމުތަކުން ހާމަކޮށްފައިވެއެވެ. މީގެއިތުރުން މިގައުމުތަކަކީ ހޫނު މޫސުމުގައި އިންސާނުންނަށް ދިރިނޫޅެވޭ މިންވަރަށް ވެލީގެ ތޫފާންތައްވެސް އަންނަ ގައުމުތަކެކެވެ.

މިއަހަރުގެ ހޫނު މޫސުމުގައި ފަރަންސޭސިވިލާތްފަދަ ޔޫރަޕްގެ ބައެއް ގައުމުތަކުގައިވެސް 40 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން މައްޗަށް ދިޔުމުގެ ސަބަބުން އެތަށް ބަޔަކު މަރުވެފައިވެއެވެ. (ނިޔުޔޯކް ޓައިމްސް)