ކ. މާފުށީ ޖަލު ބެލެހެއްޓުމާ ކުރިން ހަވާލުވެ ހުންނެވި މުހައްމަދު ހުޝާމް ވަޒީފާ އިން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާ އަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މައްޗަށް މިއަދު އަމުރުކޮށްފި އެވެ.

ސުޕްރިންޑެންޓެއްގެ މަގާމު ހުޝާމް އަދާ ކުރައްވަމުން ދަނިކޮށް ސެޕްޓެމްބަރު 7، 2010 ގައި އޭނާ ވަޒީފާ އިން ވަކިކޮށްފައި ވަނީ، ވީގޮތެއް ނާންގައި އޮފީހަށް ހާޒިރުވެފައި ނުވާތީ ކަމަށް ސީއެސްސީން ބުނާ ކަމަށް ޓްރައިބިއުނަލްގެ އަމުރުގައިވެ އެވެ. އެކަމަކު އެ މައްސަލަ ހައްލު ކުރުމަށް ސީއެސްސީން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ސާބިތުވާ ކަމަށް ވެސް އެ އަމުރުގައިވެ އެވެ. އަދި ހުޝާމް ވަޒީފާ އިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ވެސް ޓްރައިބިއުނަލުން ނިންމާފައިވެ އެވެ.

ޓްރައިބިއުނަލުގެ ނިންމުމުގައި އިތުރަށް އަމުރުކޮށްފައި ވަނީ ހުޝާމަކީ އެއްވެސް ހާލެއްގައި ވަޒީފާ އިން ވަކިކޮށްފައިވާ މީހެއްގެ ގޮތުގައި ނުބެލުމަށެވެ. އަދި ޑީޕީއާރްއެސްގައި ކުރިން ހުރި ވަޒީފާގައި އޭނާ ބެހެއްޓުމަށް ނުވަތަ ހުޝާމް އަދާކުރަމުންދިޔަ ވަޒީފާއާ އެއް ފެންވަރެއްގެ މަގާމެއް އޭނާ އަށް ހަތް ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ސީއެސްސީގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.

މީގެ އިތުރުން އެ އަމުރުގައި ބުނެފައި ވަނީ ހުޝާމް ވަކި ކުރި ދުވަސް ކަމަށްވާ ސެޕްޓެމްބަރު 7، 2010 އަކުން ފެށިގެން އޭނާގެ ވަޒީފާ ހަމަޖެހޭ ދުވަހާ ހަމައަށް ދޭން ޖެހޭ މުސާރަ އާއި އެލަންވަސްތައް 15 ދުވަހުގެ ތެރޭގައި އެއްފަހަރާ ދިނުމަށެވެ.