ސިވިލް ސާވިސް މުވައްޒަފުން ސަލާމް ބުނުމުން ސާވިސް އެލަވަންސް ފައިސާއިން އުނިކުރާ ގޮތަށް ސިވިލް ސާވިސް ގަވާއިދުގައި އޮންނަ މާއްދާ ބާތިލްކުރަންޖެހޭ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ހައިކޯޓުގައި މިއަދު ބުނެފި އެވެ.

ދައުލަތުން މިހެން ބުނެފައި ވަނީ ސިވިލް ސާވިސް މުވައްޒަފުން ސަލާމް ބުނެފިނަމަ ސާވިސް އެލަވަންސުން އުނިކުރަންޖެހޭ ކަމަށް ސިވިލްސާވިސްގެ ގަވާއިދުގެ 160 ވަނަ މާއްދާގެ (ހ)ގެ ދެ ވަނަ ޖުމްލަ ބާތިލްކުރަން އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފަކު ހުށަހެޅި މައްސަލައަށް ޖަވާބުދާރީވަމުންނެވެ.

ހައިކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވީ، އެޖުމްލަ އަކީ ގާނޫނު އަސާސީ އާއި ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ހިމަނާފައިވާ ޖުމްލައެއް ކަމަށެވެ. އެހެންކަމުން އެ މާއްދާ ބާތިލް ކުރަންޖެހޭކަމަށް ދައުލަތުން ވެސް ގަބޫލުކުރާ ކަމަށާއި ސަލާމް ބުނުމަކީ ކޮންމެ މުވައްޒަފަކަށް ވެސް ލިބިދޭ ހައްގައް ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

ގަވާއިދުގައި އެގޮތަށް ހިމަނާފައި އޮތުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއްކަން ދެފަހަރެއްގެ މަތިން ސިވިލްސާވިސް ކޮމިޝަނަށް އަންގާފައިވާނެ ކަމަށާއި ނަމަވެސް އެކޮމިޝަނުން އެކަން އިސްލާހު ނުކުރި ކަމަށްވެސް އުޝާމް ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުން ނިންމާލާފައި ވަނީ ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުންކަން އިއުލާންކުރެއްވުމަށްފަހު އެވެ.

އެފަދަ މައްސަލައެއް ހައިކޯޓަށް ހުށަހަޅާފައިވާއިރު މިދިޔަ ޖުލައި މަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވެސް ނިންމާފައި ވަނީ ސިވިލް ސާވަންޓުން ސަލާމް ބުނެގެން ސާވިސް އެލަވަންސުން ފައިސާ އުނި ނުކުރެވޭނެ ކަމަށެވެ.