ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ވައްދައިފި އެވެ.

ޕީޕީއެމްގެ މެންބަރަކު ދެންމެ ސަން އަށް ވިދާޅުވީ އެ މައްސަލަ ހުށަހެޅީ، 50 މެމްބަރުނަށް ވުރެ ގިނަ މެންބަރުންގެ ސޮޔާ އެކު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ދެ ކަނބަލުންނާއި ދައުލަތުގެ އިސް ވެރިން ދަތުރު ކުރެއްވި ފިނިފެންމާ ލޯންޗުކޮޅުގައި މިދިޔަ މަހު "ބޮމެއް" ގޮއްވާލި ކަމުގެ ތުހުމަތު ސަރުކާރުން އަޅުވަނީ ނާއިބު ރައީސް އަހުމަދު އަދީބުގެ ބޮލުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ނޫނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަގާމުން ވަކި ކުރަން މަޖިލީހަށް ގަރާރެއް ހުށަހެޅޭނީ، ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން މެންބަރުންގެ ތިން ބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާ އެކު ސަބަބު ބަޔާންކޮށެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރުގައި ބަޔާންކޮށްފައިވާ މައްސަލަ ތަހުގީގުކޮށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކާ އެ މައްސަލަ މަތިކުރެވިދާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަގާމުން ވަކިި ކުރުމުގެ ބަހުސު މަޖިލީހުގައި ފެށުމުގެ 14 ދުވަސް ކުރިން ނާއިބު ރައީސް އަށް އެކަން އަންގަން ޖެހެ އެވެ. އަދި އެ ބަހުސުގައި އަނގަބަހުންނާއި ލިޔުމުން ވެސް ނާއިބު ރައީސް އަށް ޖަވާބުދާރީ ވުމުގެ ހައްގު ލިބޭ ކަމަށް ވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެ އެވެ. އަދި ގާނޫނީ ވަކީލުން ބޭނުން ކުރުމުގެ ހައްގު ވެސް ލިބިގެންވެ އެވެ.

ރައީސް ޔާމީން ގައުމާ މުހާތަބު ކުރައްވައި ކުރީ ދުވަހު ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނު ދަތުރުކުރެއްވި ލޯންޗުކޮޅުގައި "ބޮމެއް" ގޮއްވާލި ކަމުގެ ޒިންމާ އަޅުއްވަނީ ނާއިބު ރައީސްގެ ބޮލުގަ އެވެ.

ނާއިބު ރައީސްގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓުގައި 85 މެންބަރުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި ވޯޓު ނާއިބު ރައީސް މަގާމުން ދުރުކުރުމަށް ލިބެން ޖެހެ އެވެ. އެއީ 57 މެންބަރުންގެ ވޯޓެވެ.

ރައީސް ދަތުރުކުރެއްވި ލޯންޗުކޮޅުގައި މިދިޔަ މަހު 28 ވަނަ ދުވަހު "ބޮމެއް" ގޮއްވާލި މައްސަލަ ތަހުގީގު ކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރާ އެކު ރައީސް ވަނީ ހަތް ބޭފުޅުންގެ އިންކުއަރީ ކޮމިޝަނެއް އުފައްދަވައިފަ އެވެ. އެ ކޮމިޝަންގައި ތިއްބަނީ ހޯމް މިނިސްޓަރުގެ އިތުރަށް ސިފައިންގެ ތިން އޮފިސަރުންނާއި ފުލުހުންގެ ތިން އޮފިސަރުންނެވެ. އެ ކޮމިޝަންގެ ކޯ ޗެއާއަކީ އުމަރެވެ.

ބޮމުގެ ހާދިސާގައި ރައީސް އަށް އެއްވެސް ގެއްލުމެއް ނުވެ އެވެ. ނަމަވެސް އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ދީދީ އަށް ވަނީ ސީރިއަސް އަނިޔާތަކެއްވެފަ އެވެ. އަދި ރައީސްގެ ޕްރޮޓްކޯލް ބޭފުޅަކާއި ސިކިއުރިޓީ މީހަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.