27 Oct 2015, 15:39
ރިޔާސީ ލޯންޗުކޮޅުގައި ބާރުގަދަ ބޮމެއް ގޮއްވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ އިސްތިއުނާފުކޮށްފި އެވެ.
ނައިބު ރައީސްގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ 15 ދުވަހަށް އެމަނިކުފާނުގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ކްރިމިނަލް ކޯޓަށް މިއަދު ލިޔުންތައް ހުށަހަޅުއްވާފައިވާ ކަމަށެވެ.
VP High Court appeal submitted to criminal court today. We reiterate our stand on due process being followed.
— Hussain Shameem (@HuShameem)October 27, 2015
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަމީމް ވިދާޅުވީ، ލޯންޗުކޮޅުގައި ބޮން ގޮއްވާލި ހާދިސާއާ ނައިބު ރައީސާ އޮތް ގުޅުމެއް މިހާތަނަށް ފުލުހުންނަށް ދެއްކިފައިނުވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅުމެއް ނޯންނާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް އަރުވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
ނައިބު ރައީސްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ދޫނިދޫގައި އެމަނިކުފާނު ބަހައްޓައިގެން ކްރިމިނަލް ކޯޓާއި ވީޑިއޯ ކޮންފަރެންސްކޮށްގެނެވެ.
ޝަމީމް ވިދާޅުވީ، އެގޮތަށް މުއްދަތު ޖެހުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މުއްދަތު މަޖިލީސް ކުރިއަށްދިޔައިރު ވީޑިއޯ ފްރީޒްވުމުގެ ސަބަބުން ގާޒީ ދެއްކެވި ވާހަކަތައް ރަނގަޅަށް ސާފުނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މުއްދަތު މަޖިލީސް ކުރިއަށްގެންދަނީ އެކަމާ ބެހޭގޮތުން އެ ކޯޓުން އެކުލަވާލާފައިވާ އުސޫލުގައިވާގޮތުގެމަތިން ކަމަށެވެ.