ލ. އަތޮޅުގެ ގިނަ ރަށްތައް ގުޅުވައިދޭ ލިންކް ރޯޑްގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފައިފި އެވެ.

ލ. އަތޮޅު ލިންކް ރޯޑްގެ މަޝްރޫއަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު އިފްތިތާޙު ކޮށްދެއްވި މަޝްރޫއެކެވެ. އެމަސައްކަތް އިފްތިތާހު ކޮށްދެއްވީ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހު ފޮނަދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައެވެ.

އެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ލ. އަތޮޅުގެ ލިންކް ރޯޑް މަޝްރޫއަކީ ޗައިނާ ސަރުކާރުން 30 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމައި ލެވޭނެ ކަމަށް މިނިސްޓަރު އޭރު ވިދާޅުވިއެވެ.

ލިންކް ރޯޑްގެ މަސައްކަތް ޗައިނާ ސަރުކާރުން ހަވާލުކޮށްފައި ވަނީ އެގައުމުގެ ޖިއަންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޯޓް އެންޑް އިންޖިނިއަރިން ގްރޫޕާއެވެ.

ލ. އަތޮޅުގެ ލިންކް ރޯޑް މަޝްރޫއުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރާނީ ފޮނަދޫ އިން ފެށިގެން ގަމާ ހަމައަށް އޮންނަ 15.1 ކިލޯ މީޓަރުގެ މަގެވެ.