27 Oct 2015, 14:08
އަލުން މުރާޖާކުރުމުގެ ގޮތުން އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން އަނބުރާ ކޮމެޓީއަށް ފޮނުވާލި ޓެރަރިޒަމް މަނާ ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.
އެގޮތަށް އެ ބިލު ފާސްކުރީ 49 މެމްބަރުންގެ ވޯޓުން ނެވެ. ބިލާ ދެކޮޅަށް 22 މެމްބަރުން ވޯޓު ދެއްވި އެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިން މެމްބަރުން ތިއްބެވެ.
އެ ބިލަށް ކޮމެޓީ މަރުހަލާގައި އިއްޔެ ބަދަލުގެނެސްފައި ވަނީ ބިލުގެ 62 ވަނަ މާއްދާ އަށެވެ. އެ މާއްދާގައި މީގެ ކުރިން ބުނެފައި ވަނީ ގާނޫނަށް އަމަލުކުރަން ފަށާނީ ބިލު ފާސްވާތާ ތިންމަސް ދުވަސް ފަހުން ކަމަށެވެ. އެހެންނަމަވެސް ބިލު އަލުން މުރާޖާ ކުރުމަށް ފަހު ކޮމެޓީން ނިންމީ އެ ބިލަށް އަމަލު ކުރަން ފަށާނީ އެ ބިލު ފާސްވެ، ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ނެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހުށަހަޅުއްވާފައިވާ "ޓެރަރިޒަމް މަނާ ކުރުމުގެ ބިލް"ގައި ބުނެފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ބެހުމާއި ސާކިއުލޭޓު ކުރުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށެވެ. ހަމައެއާ އެކު ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުން ވިއްކުމާއި ދިނުމުގެ އިތުރުން އެފަދަ ލިޔެކިއުން އާންމު ގޮތެއްގައި މީހުންނަށް ކިޔޭނެ ނުވަތަ އަޑުއެހޭނެ ނުވަތަ ފެންނަން ހުންނާނެ ގޮތަށް އެތަކެތި ލިބުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
އެފަދަ ކުށެއް ކުރާ ފަރާތެއްގެ އަދަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ ހަތް އަހަރާއި 10 ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ބިލުގައި ބުނެފައިވާ ގޮތުގައި ޓެރަރިސްޓް ޖަމާއަތެއްގެ ލިޔުންތައް ޓީވީ ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ނަމަވެސް ފެތުރުމަކީ ކުށެކެވެ. އެފަދަ ކުށެއް ކޮށްފައިވާ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަ ޓެރަރިޒަމް މަނާކުރާ ގާނޫނަކީ މީގެ 25 އަހަރު ކުރިން ހަދާފައިވާ ގާނޫނެކެވެ. އެއީ މުޅި ޖުމުލަ ހަ މާއްދާއެއްގެ މައްޗަށް އެކުލެވިފައިވާ ގާނޫނެކެވެ.
ޒަމާނީ ގޮތަށް ބައްޓަން ކޮށްފައިވާ ޓެރަރިޒަމުގެ ބިލުގައި ބުނެފައި ވަނީ ޓެރަރިޒަމުގެ އަމަލެއް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ދިނުން ނުވަތަ އެހީތެރިވެދިނުމަކީ ވެސް ކުށެއް ކަމަށެވެ. އަދި އެފަދަ ކުށެއް ކުރާ ފަރާތެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެފަދަ ކަމެއް ކުރަން ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެދީ އެއްވެސް ސިފައެއްގައި އެފަދަ ކަމެއްގައި ބައިވެރިވާ ފަރާތެއްގެ އަދަބަކީ 17 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
ބިލުގައި ޓެރަރިޒަމުގެ އަމަލު ކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް:
- މީހަކަށް އަނިޔާވެރިވުމުގެ ގޮތުން އޭނާގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ހިއްސަކަށް ގެއްލުން ދިނުން.
- ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ބެހެއްޓުން
- މުދަލަށް ބޮޑެތި ގެއްލުން ދިނުން.
- ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވުން
- ފުރާދުއްވާ އެއްޗެހި ހައިޖެކް ކުރުން.
- އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ސިއްހީ ގޮތުން ބޮޑެތި ނުރައްކަލެއް ކުރިމަތިވުން.