ބެންކޮކް : ތޫފާނެއްގެ ސިފާގައި ތައިލެންޑަށް މިހާރު ކުރަމުންދާ ވިއްސާރައިގާ އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުތަކުގައި ފެންބޮޑުވެ މިލިޔަނެއްހާ މީހުން ޙާލުގައި ޖެހިއްޖެ އެވެ.

ތައިލެންޑްގެ ޑިޒާސްޓާ މެނޭޖްމެންޓުން ބުނި ގޮތުގައި އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުމާއި ވެއްޔާއި ކިސަޑު ފޭބުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ އަދި ގެއްލިފައިވާ ކަމަށާއި މިހާތަނަށް 11 މީހެއްގެ ހަށިތައް ފެނިފައިވާ ކަމުގަ އެވެ.

މި ކާރިޘާގައި އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ދެކުނުގެ ޖަޒީރާއެއް ކަމަށްވާ ކޫއި ސާމްވީ އަށެވެ. މިއީ ފަތުރުވެރިންގެ މަންޒިލެކެވެ. މި ޖަޒީރާގެ އެއަޕޯޓާއި ދެކުނުގެ އިތުރު ދެ އެއަޕޯޓްގެ ދަތުރުތައް ވަގުތީ ގޮތުން ވަނީ ހުއްޓާލައިފަ އެވެ. އަދި ސަރުކާރުން ވަނީ ދެކުނުގެ 80 ކައުންޓީއެއްގައި ކުއްލި ޙާލަތު ޢިޢްލާންކޮށްފަ އެވެ.
ވިއްސާރާގައި ގެއްލުން ލިބުނު މިސަރަޙައްދަކީ ތައިލެންޑްގައި އުފައްދާ ރަބަރުގެ ސިނާޢަތުގެ މަރުކަޒެވެ. ނަމަވެސް މިސިނާޢަތަށް މިކާރިޘާގެ މާބޮޑު އަސަރެއް އަދި ނުކުރާކަމަށް ޚަބަރުތައްބުނެ އެވެ.

މިދުވަސްވަރަކީ ތައިލެންޑަށް ޢާންމުގޮތެއްގައި ވިއްސާރަކުރާ ދުވަސްވަރެއްނޫނެވެ. އެ ޤައުމަށް ޢާންމު ގޮތެއްގައި ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަންފަށަނީ އެޕްރީލް މަހުގެ ފަހުކޮޅުގަ އާއި މޭ މަހުގެ ކުރީކޮޅުގަ އެވެ.
(އެސޯސިއޭޓެޑް ޕްރެސް)