ރާއްޖޭގެ 17 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތްތަކަށް ޖުމްލަ 329 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޡާރިޤު އިބުރާހީމް ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫ ބަރާސިލު އަވަށުގެ ގޮނޑުދޮށް ހިމާތް ކުރުމަށް ތޮށިގަނޑެއް ލުމުގެ މަސަކަތް އެމްޓީސީސީއާ ހަވާލު ކުރެއްވުމަށް ފަހު އެންވަޔަރަމެންޓް މިނިސްޓްރީގައި މިއަދު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ހިންގަމުން އަންނަ މަޝްރޫއުތަކުގެ ދަށުން 10 ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރެވޭނެ ކަމަށެވެ.

"...17 ރަށެއްގައި މަސައްކަތް ކުރެވެމުން ދާއިރު 10.2 ކިލޯ މީޓަރުގެ ކޯސްޓަލް ޕްރޮޓެކްޝަން މަސައްކަތް މިހާރު ރާއްޖޭގައި ކުރެވެމުން މިދަނީ . އެހެންވީމާ މި ދެންނެވި 10.27 ކިލޯ މީޓަރުގެ މަސައްކަތަށް 329 މިލިޔަން މި ހަރަދުވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މި އަހަރުގެ މާޗް މަހު މިނިސްޓަރު ވިދާޅުވެފައި ވަނީ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހަރަދުވާނީ ގާތްގަނޑަކަށް 350 މިލިޔަން ރުފިޔާ ކަމަށާއި އެއަދަދަށް ފައިސާ ހަރަދުކޮށްގެން ހިމާޔަތް ކުރެވޭނީ 7.8 ކިލޯ މީޓަރުގެ ސަރަހައްދު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބައެއް ރަށްރަށް ދަނީ ގިރަމުން ކަމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. އަދި ވިދާޅުވީ މިހާރުން މިހާރަށް ގޮނޑުދޮށް ހިމާޔަތް ކުރަން ޖެހެނީ ކޮން ރަށްތަކެއްގައިތޯ ސަރުކާރުން ބަލާނެ ކަމަށެވެ. އެމަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދައި ރައްޔިތުން ބޭނުންވާ ގޮތަށް އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ތިނަދޫ ބަރާސިލު އަވަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކުރީ 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 20.8 މިލިޔަން ރުފިޔާގެ އަގަކަށެވެ. މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބަރާސިލު އަވަށުގެ އިރު ދެކުނު ސަރަހައްދުގެ އިރު ދެކުނު ސަރަހައްދުގައި 432 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފަ އެވެ.