ރަޝިއާ އާ ގުޅިގެން ސައުދީ ސަރުކާރުން ކުރިއަށް ގެންދާ މަދަނީ ހަނގުރާމައިގެ ސަބަބުން މަދުވެގެން 120،000 ސީރިއާ މީހުން އެމީހުންގެ ގެތަކުން ބޭރުކޮށްފައިވާ ކަމަށް އެމެރިކާ އިން ހޯމަ ދުވަހު ބުނެފި އެވެ.

ރަޝިއާ އިން ބުނާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު ތިނެއްގައި އެގައުމުން ސީރިއާ އަށް ދިން ވައިގެ ހަމަލާތަކުގައި 800 ވަރަކަށް ޓެރަރިސްޓް ސަރަހައްދުތަކަށް ވަނީ ހަމަލާދީފަ އެވެ. އެ ހަމަލާތަކަކީ ހައްދުފަހަނައަޅާފައިވާ މުސްލިމް ޖަމާއަތްތަކަށްދޭ ހަމަލާތައް ކަމަށް މޮސްކޯ އިން ބުނި ނަމަވެސް ވޮޝިންޓަން އިން ބުނާ ގޮތުގައި ރަޝިއާ އިން ދަނީ ރައީސް ބައްޝާރު އަލް އައްސަދް ވެރިކަމުން ވައްޓާލުމަށް މަސައްކަތް ކުރާ ސީރިއާގެ ރައްޔިތުންނަށް ވެސް ހަމަލާ ދެމުންނެވެ.

ހަތަރު އަހަރު ވަންދެން ކުރިއަށް ގޮސްފައިވާ މަދަނީ ހަނގުރާމައިގައި މިހާތަނަށް ހަ މިލިއަނެއްހާ މީހުން ވަނީ މަރުވެފަ އެވެ.

ޔޫއެން އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް އިން ނެރުނު ފުރަތަމަ ރިޕޯޓުގައިވާ ގޮތުން ސީރިއާ ގައުމުގެ ބައެއް ހޮސްޕިޓަލްތަކަށް ހަމަލާތައް އަމާޒުވެފަ އެވެ. އަދި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަ ކުދިން ވަނީ ކްލަސްޓާ ބޮންތަކުގެ ސަބަބުން މަރުވެފަ އެވެ.

ރިޕޯޓުގައި އިތުރަށް ވާގޮތުން އިސްލާމިކް ސްޓޭޓްއިން ވަނީ ސީރިއާގެ ހާމާ އަވަށުން އަލެއްޕޯ އަށް ދެވެން އޮންނަ މަގު އޮކްޓޯބަރު 23ގައި ބަންދު ކޮށްފަ އެވެ. އެ މަގު ބަންދުކުރުމުގެ ސަބަބުން ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ހުޅަނގު އަލެއްޕޯގެ 700،000 ރައްޔިތުން ވަނީ ނުރައްކަލެއްގެ ތެރޭގައި ކަމަށް އެ ރިޕޯޓުގައި ބުންޏެވެ. އެ ކަމުގެ އިތުރު ތަފްސީލެއް ރިޕޯޓުގައި ނެތެވެ.

ރިޕޯޓުގައިވާ މެޕަކުން ދައްކާ ގޮތުން އަވަށްތަކުން ބޭރުކޮށްލާފައިވާ ސީރިއާ މީހުން ދަނީ ބާބް އަލް ހަވާއިން ތުރުކީގެ ބޯޑަރު ހުރަސް ކުރުމަށް ފަހު ކުރުދީންގެ ކޮންޓްރޯލްގެ ދަށުގައިވާ އުތުރު ސީރިއާގެ ސަރަހައްދުތަކަށެވެ. މި މެޕުގައި ރަޝިއާގެ ވައިގެ ހަމަލާތައްދޭ ހަތް ކޮންސެންޓްރޭޝަން ހުންނަ ސަރަހައްދުތައް ވެސް ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން ސީރިއާގެ އިންސާނިއްޔަތަށް މަސައްކަތް ކުރާ ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި 100،000 އަށް ވުރެ ގިނަ މީހުން ވަނީ ހާމާ އާއި އިދްލިބް އަވަށްތަކުން ބޭރުކޮށްފަ އެވެ. އަދި އަލެއްޕޯ ޕުރޮވިންސް އިން މަދުވެގެން 44،568 މީހުން ފިލާފައިވާ ކަމަށްވެ އެވެ.

ސިއްހީ އިދާރާތަކުން ބުނެފައިވާ ގޮތުން ހަ ވައިގެ ހަމަލާ ވަނީ އޮކްޓޯބަރު އެކަކާއި އޮކްޓޯބަރު ތޭވީހާ ދޭތެރޭގައި ހޮސްޕިޓަލްތަކަށާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް އަރާފަ އެވެ. އޮކްޓޯބަރު 20ގައި އިދްލިބްގެ ކްލިނިކަކަށް އަމާޒުވި ހަމަލާގައި ދެ ސިއްހީ މަސައްކަތްތެރިންނާއި 10 އާއްމުން ވަނީ މަރުވެފަ އެވެ.

އަލެއްޕޯގެ ހޮސްޕިޓަލްތަކަށާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ވައިގެ ފަސް ހަމަލާ އަމާޒުވެފައިވާ ކަމަށް ރިޕޯޓްތައް ކޮށްފައިވެ އެވެ. އެންމެ ގިނައިން ހަމަލާތައް ދީފައި ވަނީ ޖަބަލް ސަމަން ނަމަކަށް ކިޔާ ޑިސްޓްރިކްޓަކަށެވެ.