(22 އޮކްޓޯބަރު ދުވަހުގެ ބަޔާ ގުޅޭ)

އަރަހުށި މާތް الله سبحانه وتعالى ގެ ޙަޟްރަތުގައި أمّ المؤمنين السّيدة خديجة رضى الله عنها ގެ މަތިވެރި މަޤާމު ބަޔާންވެ އެނގޭ ޙަދީޘެއް الإمام بخارى އާއި الإمام مسلم އާ ދެބޭކަލުން ابو هريرة رضى الله عنه ގެއަރިހުން ރިވާކުރައްވައިފައިވެއެވެ. جبريل ގެފާނު އެއްދުވަހަކު ވަޑައިގެން ކައުސާހިބާ صلّى الله عليه وسلّم ގެ އަރިހުގައި ވިދާޅުވިއެވެ. " އޭ މާތް الله ގެރަސޫލާއެވެ. خديجة ގެފާނު ފަރީއްކޮޅު ދޮލަނގުކޮޅެއް ހިއްޕަވައިގެން ކަލޭގެފާނުގެ އަރިހަށް އެބަވަޑައިގަންނަވައެވެ. އޭގައިވަނީ ފަރިއްކުޅުވާނެ އެއްޗަކާ ހިއްޕަވާނެ އެއްޗެކެވެ. އެކަމަނާ ވަޑައިގަތުމުން އެކަމަނާއަށް އެކަމަނާގެ ވެރިރަސްކަލާނގެ ސަލާމްވަހީ ކުރެއްވި ވާހަކަވިދާޅުވާށެވެ. ތިމަންކަލޭގެފާނުގެ ސަލާމްވެސް ވިދާޅުވާށެވެ. އަދި އެކަމަނާއަށްޓަކައި ސުވަރުގޭގައި ރަންމުތުންވާ ގަނޑުވަރެއް ތައްޔާރުކުރައްވައިފައިވާ ވާހަކަވެސް ވިދާޅުވާށެވެ. " (މުއްތަފަޤު ޢަލައިހި)

ހުޅަނގުގެ މުއައްރިޚުންގެ ނަޒަރުގައި أمّ المؤمنين

ކައުސާހިބާ صلّى الله عليه وسلّم ގެ ޙަޔާތްޕުޅާއި، އެކަލޭގެފާނު އިންސާނިއްޔަތަށް ދެއްވި ތަޢުލީމާއި، އެކަލޭގެފާނުގެ ދިރިއުޅުއްވުމާމެދު ހުޅަނގުގެ ދުނިޔޭގައިވެސް ވަރަށް ގިނަ ފޮތްތައްވަނީ ލިޔެވިފައެވެ. އެހުރިހާ ފޮތްތަކެއްގައިވެސް أمّ المؤمنين ގެ ޙަޔާތްޕުޅަށްވަނީ އަލިއަޅުވައިލެވިފައެވެ. ބައެއްފޮތްފޮތުގައި ޚުލާޞާގޮތެއްގައެވެ. އަނެއްބައި ފޮތްފޮތުގައި ތަފްސީލްކޮށެވެ. މިދެންނެވި ހުރިހާ މުއައްރިޚުންވެސް އެއްބަސްވެވަޑައިގަންނަވާގޮތުގައި أمّ المؤمنين އަކީ މާތްރަސޫލާގެ ހަޔާތްޕުޅުގެ އެންމެ ފުރިހަމަ ބައިވެރިޔާއެވެ. އެކަމަނާއަކީ އާދަޔާ ޚިލާފު މޮޅު ސިކުނޑިފުޅެއް ލިބިވަޑައިގެން އިންނެވި ބޭކަނބަލެކެވެ. رسول الله صلّى الله عليه وسلّم އަށް އެކަލޭގެފާނުގެ މަސައްކަތްޕުޅުގައި އެކަމަނާގެ ފަރާތްޕުޅުން މަތިވެރި އެހީފުޅުތަކެއްވަނީ ލިބިވަޑައިގެންފައެވެ.

މިރޮނގުން ހުޅަނގުގެ މުއައްރިޚުންގެ އެންމެ ޚާއްސަ ގޮތެއްގައި ފާހަގަކުރައްވާކަމަކީ ކައުސާހިބާ صلّى الله عليه وسلّم އަށް އެންމެ ފުރަތަމަ އީމާންވެވަޑައިގެންނެވީ أمّ المؤمنين ކަމެވެ. އެކަލޭގެފާނުގެ ނަބީކަމަށް އެންމެ ފުރަތަމަ ހެކިވެވަޑައިގަތީ އެކަމަނާކަމެވެ. ހުޅަނގުގެ މުއައްރިޚުން ޚިޔާލުފުޅުގައި އެންމެ ފުރަތަމަ السّيدة خديجة رضى الله عنها އެކަލޭގެފާނަށް އީމާންވެވަޑައިގެންނެވިކަމީ އެކަލޭގެފާނުގެ ދަޢުވާގެ ތެދުކަމުގެ ވަރަށް މުހިންމު ހެއްކެކެވެ. އެހެނީ، އަނބިމީހާއަކީ ތިމާގެ ފިރިމީހާގެ މިޒާޖާއި، އަޚުލާޤާއި، އެއްމެހައި ސިއްރުތަކެއް އެއްމެ ރަނގަޅަށް އެނގޭނެމީހާއެވެ. ފިރިއެއްގެ ޙަޔާތުގެ އެއްވެސްކަމެއް އަނތްބަކަށް ސިއްރުވެފައެއް ނޯންނާނެއެވެ. އެހެންކަމުން އަނބިމީހާދޭ ހެއްކަކީ އެހެންމީހުން ދޭހެއްކަށްވުރެ މާއިތުބާރު ހުރި ހެއްކެކެވެ. أمّ المؤمنين السّيدة خديجة رضى الله عنها ހަމައެކަނި ކައުސާހިބާ صلّى الله عليه وسلّم ގެ ރަސޫލުކަމަށް ހެކިދެއްވީއަކީ ނޫނެވެ. އަދި ކީއްތޯއެވެ. ކައުސާހިބާއަށާއި އިސްލާމްދީނަށް ނުހަނު މަތިވެރި ޚިދުމަތްތަކެއްވެސް އަދާކުރެއްވިއެވެ.

ޝައްކެއްވެސްނެތެވެ. أمّ المؤمنين السّيدة خديجة رضى الله عنها ގެ ހަޔާތްޕުޅަކީ އުޖާލާނޫރެކެވެ. ހުރިހާ ޒަމާނެއްގެ މުސްލިމް އަންހެން ދަރީންނަށް މަތިވެރި ހަޔާތަކަށް މަގުދައްކައިދޭނޫރެކެވެ.

ޢުމުރުފުޅުގެ މަރުޙަލާތައް

  1. ކައުސާހިބާ صلّى الله عليه وسلّم އެކަމަނާއާ ކާވެނި ބައްލަވައިގެންނެވީ ނަބީކަމުގެ ފަނަރައަހަރުކުރީން (މީލާދީން 596) ނެވެ.

  2. ކައުސާހިބާ صلّى الله عليه وسلّم އެކަމަނާއާ ކާވެނިބެއްލެވިއިރު އެކަމަނާގެ ޢުމުރުފުޅަކީ 40 އަހަރުފުޅެވެ.
  3. އެކަމަނާއާ ކާވެބިބެއްލެވިއިރު ކައުސާހިބާ صلّى الله عليه وسلّم ގެ ޢުމުރުފުޅަކީ 25 އަހަރުފުޅެވެ.
  4. ކައުސާހިބާ صلّى الله عليه وسلّم ގެ އަނބިކަނބަލަކަށް އެކަމަނާއިންނެވީ ގާތްގަނޑަކަށް 25 އަހަރުއެވެ.
  5. އެކަމަނާ އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅަކީ 65އަހަރުފުޅެވެ.
  6. އެކަމަނާ އަވަހާރަވީ ނަބީކަމުގެ ދިހަވަނައަހަރުއެވެ.
  7. އެކަމަނާ ފަސްދާނުލެވިފައިވަނީ މައްކާގެ ޖަންނަތުލްމައުލާގައެވެ.

އަރަހުށި މާތް الله ، أم المؤمنين السّيدة خديجة الطّاهرة އަށް ރުއްސުންލައްވާށިއެވެ.

ޙަވާލާ

  1. އުރުދޫ އެންސައިކްލޮޕީޑިޔާ އޮފް އިސްލާމް

  2. ޚަދީޖަތުލްކުބްރާ އިދްރީސު ޞިއްދީޤީ
  3. ސީރަތު ސަރުވަރެ ޢާލަމް ސައްޔިދު އަބުލްއައުލާ މައުދޫދީ
  4. އަޚްބާރެ ޚަވާތީން
  5. ރަޙްމަތުއްލިލް ޢާލަމީން ޤާޟީ މުޙައްމަދު ސުލައިމާނު ސަލްމާނު މަންޞޫރުޕޫރީ
  6. އުންމަހާތުލް މުއުމިނީން ޕްރޮފެސަރ ޚާލިދު ޕަރުވޭޒު
  7. އުންމަހާތުލް މުއުމިނީން ހަކީމް މަހްމޫދު އަހްމަދު ޡުފަރު
  8. ޞަޙާބިއްޔާތެ މުބައްޝިރާތު މަހްމޫދު އަހްމަދު ޣަޟަންފަރު
  9. ތިޛުކާރެ ޞަޙާބިއްޔާތު ޠާލިބުލްހާޝިމީ

(ނިމުނީ)