ގދ. ތިނަދޫ ބަރާސިލު އަވަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޮޑު ހިލަ ޖެހުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީން އެމްޓީސީސީއާ މިއަދު ހަވާލުކުރީ ބަރާސިލް އަވަށުގެ އިރު ދެކުނު ސަރަހައްދުގައި 432 މީޓަރުގެ ބޮޑު ހިލައިގެ ތޮށްޓެއް ޖެހުމުގެ މަސައްކަތެވެ. އެމަސައްކަތް ހަވާލުކުރީ 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 20.8 މިލިޔަން ރުފިޔާގެ އަގަކަށެވެ.

މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު އިބުރާހީމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބުރާހީމް ޢަބުދުއް ރައްޒާޤު ޙަލީމެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު ވިދާޅުވީ، ތިނަދޫ ބަރާސިލް ސަރަހައްދަކީ ވަރަށް ގިނައިން އުދަ އެރުމުގެ މައްސަލަ ދިމާވާ ސަރަހައްދެއް ކަމަށާއި އެއީ ބޮޑު އާބާދީއެއް ވެސް އޮތް ސަރަހައްދެއް ކަމަށެވެ.

"... ބައެއް ގޭގޭ ހުންނަނީ ހަމަ މޫދާ ޖެހިގެން. ނޫނީ ވިއްޔާ މިހާރު ލެވިފައި އޮތް ކަނޑުތޮށްޓާ ޖެހިގެން. އަމިއްލަ ފަރާތްތަކުން ލާފައި އޮތް ކަނޑުތޮށްޓާ ޖެހިގެން،" ތޮށިލުމަށް އެމްޓީސީސީއާ ހަވާލުކުރި ސަރަހައްދު އޮތް ހާލަތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.