މިޔަރާއި މަޑީގެ ބާވަތްތައް އާލާކޮށް ދެމެހެއްޓުމަށްޓަކައި ކުރާނެ ކަންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބައިނަލްއަގުވާމީ ސިމްޕޯޒިއާމް އެއް ރާއްޖޭގައި ބާއްވައިފި އެވެ.

ބ. އަތޮޅުގެ ޔުނެސްކޯ ބަޔޮސްފެއާ ރިޒާވްގައި ހިމެނޭ ފޯސީޒަންސް ލަނޑާ ގިރާވަރު ރިޒޯޓުގައި އެ ސިމްޕޯޒިއަމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އާދިއްތަ އާއި ހޯމަ ދުވަހެވެ.

ދެ ދުވަހަށް ބޭއްވި އެ ސިމްޕޯޒިއަމްގައި އެ ދާއިރާގެ މާހިރުން، މިޔަރާއި މަޑީގެ އާބާދީތައް މިހާރު ހުރި ހާލަތާއި އެތަކެތީގެ އާބާދީތަކަށް ހުރި ގޮންޖެހުންތަކާ މެދު ވަނީ ވާހަކަދައްކާފައެވެ. އެގޮތުން މިޔަރާއި މަޑީގެ ބާވަތްތައް ހިމާޔަތް ކުރުމަށް ދިވެހިރާއްޖޭގެ ފަރާތުން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މައުލޫމާތު ދީފައިވެެއެވެ.

އެ ސިމްޕޯޒިއަމްގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނު ކަންކަމަކީ މިޔަރާއި މަޑީގެ މަސްވެރިކަން މިހާރު ކުރަމުންދަނީ ދެމެހެއްޓެނިވި ގޮތެއްގައި ނޫންކަން އަންގައިދިނުމެވެ. އޭގެއިތުރުން އެތަކެތީގެ އާބާދީތައް ދެމެހެއްޓުމަށްޓަކައި މިޔަރު ހިމާޔަތްކުރުމުގެ މުހިންމުކަމާއި އަދި މިޔަރާއި މަޑީގެ ވިޔަފާރިއާއި މަސްވެރިކަން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަމާމެދު ވެސް އެ ސިމްޕޯޒިއަމްގައި ވަނީ ވާހަކަދައްކާފައެވެ.

މި ފަހަކަށްއައިސް ހޮންގްކޮންގް އަދި ޗައިނާގެ ބާޒާރުގައި މިޔަރުގެ އުރަހައަށް ހުރި ޑިމާންޑް ދަށްވެފައިވާކަމާއި އަދި ދުނިޔެއިން ނެތިހިނގައިދާނޭ ކަމުގެ ބިރު ހީވެފައިވާ ދިރުންތަކުގެ ވިޔަފާރި އަދިވެސް ފުޅާދާއިރާއެއްގައި ކުރިއަށް ދާކަމަށް އެ ސިމްޕޯޒިއަމްގެ ބައިވެރީން ފާހަގަކުރިއެވެ. އެހެންކަމުން މިޔަރު ހިފާ މިންވަރު މަދުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ.

އެ ސިމްޕޯޒިއަމްއަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ އަދި ޕިއު ޗެރިޓަބަލް ޓްރަސްޓްސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ސިމްޕޯޒިއަމް އެކެވެ.