ވިޔަފާރި އުސޫލުން ފަސިންޖަރުން އުފުލުމަށް ރާއްޖެ އެތެރެކުރާ ޓެކްސީ ފަދަ އެއްގަމު އުޅަނދުތަކުގެ ތެރެއިން އެތެރެ ނުފެންނަ ގޮތަށް އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ހުރި އުޅަނދަކަށް ފަސިންޖަރުން އުފުލުމުގެ ހުއްދަ ނުދޭ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނަނީ، ކަޅުބިއްލޫރި ނުވަތަ އެތެރެ ނުފެންނަ ގޮތަށް އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ދުއްވުމަކީ މަނާ ކަމެއް ކަމަށް މި މަހުގެ 28 ވަނަ ދުވަހު ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސައިފައިވާ ކަމަށާއި އެފަދަ އުޅަނދުތައް މާދަމާގެ ކުރިން އެކަން ރަނގަޅު ކުރަން ޖެހޭނެ ކަމަށެވެ.

އަދި "މީގެ ފަހުން ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި އެތެރެކުރާ އެއްގަމު އުޅަނދުފަހަރު އެތެރެކުރުމުގެ ކުރިން އެ އުޅަނދަކީ ޓިންޓެޑް ބިއްލޫރި ނުވަތަ މިނޫން ވެސް އެތެރެ ނުފެންނަ ފަދަ ގޮތަކަށް ހުރި ވަސީލަތެއް ބޭނުންކޮށްފައިވާ އުޅަނދެއްތޯ ބެއްލެވުމަށް އުޅަނދުތައް ރާއްޖެ އެތެރެކުރައްވާ ފަރާތްތަކާއި މި ޚިދުމަތް ދެއްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް" ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސްކޮށްފައިވެ އެވެ.

އަދި ފަސިންޖަރުން އުފުލުމުގެ ހިދުމަތް ދިނުމަށް ކަމަށް ބުނެ ގަވައިދާ ހިލާފަށް އެތެރެކުރާ އެއްގަމު އުޅަނދުތަކަށް މާދަމާ އިން ފެށިގެން ހުއްދަ ނުދޭނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.

"މި ދެންނެވި ޚިދުމަތަށް ބޭނުންކުރުމަށް ގަވައިދާ ޚިލާފަށް އެތެރެކުރެވޭ އެއްގަމު އުޅަނދުތަކަށް ވިޔަފާރި އުސޫލުން ފަސިންޖަރުން އުފުލުމުގެ ހުއްދަ ދޫކުރުން ހުއްޓާލާނެ ކަމުގައި އަންގާ އިއުލާންކުރީމެވެ."

ޓްރާންސްޕޯޓް އޮތޯރިޓީން މި ގޮތަށް ހަމަޖައްސައިފައި މިވަނީ، މިދިޔަ ހަފުތާގެ ތެރޭގައި ކަޅު ބިއްލޫރި ޖަހައިފައި ހުރި ޓެކްސީއަކަށް އެރި ޒުވާން އަންހެންކުއްޖަކާ ޑްރައިވަރު ގަދަކަމުން ބެހެން އުޅުނު މައްސަލައެއް ފެންމަތިވުމުންނެވެ.