މިދިޔަ ސީޒަނުގައި ޗެލްސީގެ ކޯޗްކަމާއި ދެވަނަ ފަހަރަށް ހަވާލުވި ހޯޒޭ މޮރީނިއޯ އެ ޓީމުގެ ކޯޗްކަމުން ވަކިކުރާނެ ކަމުގެ ހަބަރުތައް ފެތުރެން ފަށައިފި އެވެ.

މިދިޔަ އަހަރު ޗެލްސީއަށް ލީގް ކާމިޔާބް ކޮށްދީ، ކުރިން އެ ޓީމާއެކީ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗް މި ސީޒްނުގައި ޗެލްސީއާއެކު ނެރެމުން އަންނަ ދަށް ނަތީޖާތަކާ ގުޅިގެން އެ ޓީމްގެ ކޯޗްކަމުން ވަކިކުރުމަށް ޗެލްސީގެ ބޯޑްގައި މަޝްވަރާ ކުރަމުންދާ ކަމަށް ޑެއިލީ މެއިލްއިން ބުނެއެވެ.

އިނގިރޭސި މިޑިއާތަކުގައި ރިޕޯޓް ކުރާގޮތުން ޗެލްސީން އަންނަނީ މޮރީނިއޯގެ ބަދަލުގައި އެ ޓިމަށް ރަނގަޅު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ކުރީގެ ނެދަލެންޑްގެ ކޯޗް ގުސް ހިޑިންކްއާ ވާހަކަ ދެކެވެމުންދާއިރު ރެއާލްގެ ކުރީގެ ކޯޗް ކާލޯ އެންޗެލޯޓީ ވަނީ ޗެލްސީގެ ކޯޗްކަމަށް ޝައުގުވެރިވާކަން ފާޅު ކޮށްފައެވެ.

ހޮނިހިރު ދުވަހު ވެސްޓްހެމް ޔުނައިޓެޑް އަތުން ބަލިވެ ޗެލްސީ 15 ވަނަ އަށް ވެއްޓިފައިވާ އިރު މޮރީނިއޯއަށް އަންނަނީ ދަނޑުމަތިންނާއި ދަނޑުބޭރުން ވެސް މައްސަލަތަކާއި ކުރިމަތިވަމުންނެވެ.

އެގޮތުން އެންމެފަހުން ޗެލްސީ ކުޅުނު މެޗްގެ ފުރަތަމަ ހާފް ނިމުމުން ރެފްރީ ޖޯން މޮސްއާ ވާހަކަ ދެއްކުމަށް ރެފްރީންގެ ރޫމަށް ދިޔަ މައްސަލަ އާއި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް އޭނާ ހާޒިރުނުވި މައްސަލަ އަންނަނީ މިހާރުވެސް އިގިރޭސި އެފްއޭ އިން ބަލަމުންނެވެ. އަދި މިމަހު ތިންވަނަ ދުވަހު ސައުތެމްޓަން އަތުން ބަލިވި މެޗަށް ފަހު މޮރީނިއޯ ރެފްރީންގެ ނިންމުތަކަށް ފާޑުކިއުމުން އޭނާ ވަނީ 50 ހާސް ޕައުންޑުން ޖޫރިމަނާވެސް ކޮށްފައެވެ.

މޮރީނިއޯއަށް އޭނާގެ ފެންވަރު ސާބިތު ކޮށްދިނުމަށް ދެން ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ ކެޕިޓަލް ވަން ކަޕްގައި މިރޭ ސްޓޯކް ސިޓީއާއި ލީގްގައި އަންނަ ހޮނިހިރު ދުވަހު ލިވަޕޫލްއާއި ދެކޮޅަށް ކުޅެ ރަނގަޅު ނަތީޖާއެއް ޗެލްސީއަށް ހޯދައި ދިނުމެވެ.