އެއީ އުތުރުން ހދ. ކުޅުދުއްފުއްޓެއްވެސް ނޫނެވެ. ދެކުނުން ހައްދުންމަތީ ގަމާއި އައްޑޫއެއްވެސް ނޫނެވެ. ނުވަތަ ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑެތި ރަށްތަކުގެ ގޮތުގައި އެރަށެއް ނުހިމެނެ އެވެ. ނަމަވެސް އެރަށަކީ އެރަށުގެ ނަމާއެކު ފަހްރުވެރިވުން ހައްގު ރެށެކެވެ. ގައުމީ ޚިދުމަތުގައި އެރަށަކީ ކޮންމެ ދިވެއްސަކުވެސް ފަހްރުވެރިން ހައްޤު ރަށެކެވެ. އަރިއަތޮޅު ދެކުނު ބުރީ މަހިބަދޫއަކީ ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ގުނަ އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވާ ރަށެކެވެ.

މަހިބަދޫގެ ދޮރުން ރާއްޖޭގެ ފުޓްބޯޅައަށް ނިކުމެ އަގުހުރި ޚިދުމަތްތައްކޮށްދީފައިވާ ކުޅުންތެރިންނަކީ ރާއްޖޭގެ އެންމެ މަތީ ސަފުގައި ހިމެނޭ ކުޅުންތެރިންނެވެ. ގައުމީ ޓީމްގެ ގޯލްކީޕަރު ޢިމްރާން މުޙައްމަދު ފަދަ ކުޅުންތެރީންނަކީ މުޅި ރާއްޖެ ފަހްރުވެރިވުން ޙައްގު ކުޅުންތެރީންނެވެ. ޢިމްރާންގެ އިތުރުން ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަޙްމަދު ޠާރިޤް (ޓޮމް) އަކީ ދިވެހި ފުޓްބޯޅައިގައި ގައުމީ ބަތަލެކެވެ. މީގެ އިތުރުން ގައުމީ ޓީމްގެ ފޯވަޑް އަސަދުﷲ ޢަބްދުﷲ އާއި ޙުސައިން ނިޔާޒު މުޙައްމަދު (ބޮކްރީ) އާއި މިފަހުން ގައުމީ ޓީމްގެ ޑިފެންސުލައިނުން ވިދާލި ސަމޫހް ޢަލީ އަކީވެސް މަހިބަދޫގެ ދޮރުން ދިވެހި ފުޓްބޯޅައަށް ނިކުތް ކުޅުންތެރީންނެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މަހިބަދޫއާ ޓީސީ ބައްދަލުކުރި މެޗްގެ ތެރެއިން. އެ މެޗުން މަހިބަދޫ ބަލިވީ 2-0 ގެ ނަތީޖާއަކުން --- ފޮޓޯ/ ކުޅުދުއްފުށި ޑޮޓްކޮމް

ދިވެހި ފުޓްބޯޅައަށް މަހިބަދޫއިން ކުޅުންތެރިންތަކެއް ނެރެފައިވާއިރު ތާރިޚަށް ދެމިގެންދާނެ އެ ފަހްރުވެރި މާޒީއާއެކު މަހިބަދޫއިން ދެން ނިކުތީ ޓީމެއްގެ ސިފައިގައެވެ. ރަށުގެ ކުޅުންތެރީންނަށް ރާއްޖޭގެ އެންމެ މަތީ ފަންތީގައި ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް ވީބީ އައްޑޫ އެފްސީ ބަލި ކުރުމަށްފަހު މިދިޔަ އަހަރު މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ދަތުރު ކުރި މަހިބަދޫ ސްޕޯޓްސް ކްލަބަކީ، މިދިޔަ ސީޒަންގައި ދިވެހި ފުޓްބޯޅައިގެ ކަމިޔާބު ޓީމެކެވެ.

ފުރަތަމަ ޑިވިޝަންގައި ވާދަ ކުރި ފުރަތަމަ އަހަރު ގަދަ ހައެއްގައި ހިމެނި އެޓީމްގެ ފެންވަރު ސާބިތުކޮށްދިނެވެ. އެޔާއެކު އެޓީމާމެދު ރާއްޖޭގެ ފުޓްބޯޅައިގެ ގިނަ ފަރާތްކުން ކުރި އުންމީދު ބޮޑެވެ.

މިސީޒަނާ އެޓީމުން ކުރިމަތިލީ ގަދަ ހަޔަކަށް ވުރެ މައްޗަށް ދިއުމުގެ އުންމީދުގައެވެ. ނަމަވެސް އެޓީމް ލީގްގައި މިވަގުތު އޮތީ ލީގް ތާވަލްގެ ފުލުގައެވެ. ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުގެ ބޯޑަރު ކައިރީގައެވެ. މިއީ މަހިބަދޫގެ ރައްޔިތުންގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުންވެސް ހިތާމަ ކުރާނެ ކަމެކެވެ.

ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް 8 މެޗު ކުޅެފައި ވާއިރު، މަހިބަދޫ ވަނީ އެޓީމު ކުޅުނު މެޗުތަކުގެ ތެރޭން ހަތްމެޗުން ބަލިވެފައެވެ. އެންމެ މެޗަކުން އެއްވަރުވި އިރު، އެޓީމު ކޮޅަށް 22 ލަނޑު ވަދެފައި ވެއެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ކާމިޔާބު ހޯދާފައިވާ މޮޅު ކޯޗެއް ކަމުގައިވާ ބަލްގޭރިއާގެ ޔުރޮދާން އިވޮނާވް ސްޓައިކޯވްއާއެކު ސީޒަންގައި ނިކުމެ ޓީމަށް މިހެން ދިމާވާންވީ ސަބަބުތައް ދެނެގަތުމަށް ގިނަ ބަޔަކު ބޭނުންވާނެއެވެ.

މިސީޒަންގައި ހޯދި ނަތީޖާ ތަކުގެ ސަބަބުން މަހިބަދޫގެ ބޯޑުން ވަނީ ސްޓައިކޯވްއާއެކު އެ ކުލަބުން ހަދާފައިވާ އެއްބަސްވުން އުވާލާފައެވެ.

ސްޓައިކޯވްއަށް ފަހު ޓީމްގެ ކޯޗް ކަމާ ހަވާލުވި އެސިސްޓެންޓް ކޯޗް ޙުސައިން އައްބާސް ވަނީ މަހިބަދޫ ސްޕޯޓްސްއަށް މިސީޒަންގައި ކުރިމަތިވެފައިވާ މައްސަލަތައް ހާމަކޮށްފައެވެ.

ޙުސައިންގެ ބަހުންނަމަ މަހިބަދޫއަކީ ލީގް ވާދަ ކުރާ ޓީމުތަކުގެ ތެރެއިން އެންމެ އުނދަގުލުން ކުޅޭ އެއްޓީމެވެ. އޭގެ ސަބަބުތައްވެސް ޙުސައިން ވަނީ ހާމަކޮށްފައެވެ. އެއީ މުބާރާތުގައި ކަނޑު ދަތުރުކޮށްފައި ކުޅެން އަންނަ ހަމައެކަނި ޓީމް ކަމުގައި ވުމެވެ. މަހިބަދޫ ފިޔަވައި ދެން މުބާރާތުގައި ވާދަކުރާ އެހެން ޓީމްތައް ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ވިނަ ނޫނީ ޓާފްގައެވެ. އެއާ ހިލާފަށް މަހިބަދޫ ކުޅުންތެރިން ޕްރެކްޓިސް ކުރަނީ ވެލި ދަނޑުގައެވެ.

މަހިބަދޫ ޓީމުގެ ކުރީގެ ކޯޗް ސްޓޮއިކޮފް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކަނޑު ގަދަ ދަތުރަކަށް ފަހު މެޗް ކުޅެން ވެއްޖެނަމަ، މެޗްގައި ކުޅުންތެރިންގެ ފިޓްނަސް ދަށްވުމުގެ މައްސަލައަކީވެސް މަހިބަދޫއަށް ކުރިމަތިވާ މައްސަލައެކެވެ.

"ހުރިހާ ގޮތަކަށް ބެލިޔަސް ޕްރިމިއާ ލީގްގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން އެންމެ އުނދަގޫ ހާލުގައި މެޗްތަކަށް އައިސް ކުޅެންޖެހޭ ޓީމް. ޚަރަދުގެ ގޮތުން ބެލިޔަސް ޕިޗްގެ ގޮތުން ބެލިޔަސް ހުރިހާ ޑިސް އެޑްވާންޓޭޖެއް އޮތީ މަހިބަދޫއަށް،" ކަންބޮޑުވުންތަކަކާއެކު ޙުސައިން ހިއްސާކުރި އެވެ.

މިދިޔަ އަހަރުވެސް ކަނޑު ހުރަސްކުރުމަށްފަހު މާލެ އައިސް މަހިބަދޫއިން ރަނގަޅު ކަމިޔާބެއް ހޯދާފައިވާކަމަށް ސުވާލުކުރުމުން ޙުސައިން ބުނީ، މިދިޔަ އަހަރު ލީގް މިއަހަރަށްވުރެ ކުރު ކަމަށާއި މިއަހަރު ލީގް މެދު ކެޑި ދޮޅު މަސް، ދެ މަސް ހޭދަވުމަކީ، މަހިބަދޫ ކަހަލަ ޓީމަކަށް ކުޅުންތެރިން ބެލެހެއްޓުމުގައި ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"ކުރިންސުރެ ދިމާވި މައްސަލައެއް. އަޅުގަނޑުމެން ޓީމުގެ ކުޅުންތެރިންނަކީ މަހަށްދާ ކުޅުންތެރިންނާއި އެހެނިހެން ވަޒީފާތަކުގައި އުޅޭ ކުޅުންތެރިން. ލީގް ގިނަ ދުވަސްތަކަކަށް މެދު ކެނޑިގެން ދިއުމުން އެމުއްދަތުގައި އެމީހުންގެ ވަޒީފާތަކަށްވެސް ދާނެ. މިއަހަރު ރަނގަޅު ނަތީޖާތަކެއް ނުހޯދިގެން މިއުޅޭ އެންމެ ބޮޑު މައްސަލައަކީ ލީގް ދިގު ވެގެންގޮސް ކުޅުންތެރިންގެ މޯޓިވޭޝަނަށް އަސަރު ކުރުން،" ހުސައިން ބުންޏެވެ.

ދިވެހި ޕްރިމިއަލީގުގައި މަހިބަދޫއާ ދެކޮޅަށް ނިއުރޭޑިއަންޓް ކުޅުނު މެޗެއްގެ ތެރޭން --- ފޮޓޯ/ ނިއުރޭޑިއަންޓް

އެކަންކަމަށް އޮތް ހައްލަކީ ކޮބައިތޯ ސުވާލުކުރުމުން ހުސައިން ބުނީ މާލޭގެ ޓީމްތަކުގެ ކުޅުންތެރިން ގެއިން ނިކުމެގެން ކުޅެން ދަނޑަށް ކުޅެން އަންނައިރު މަހިބަދޫ ފަދައިން ރާއްޖެތެރެއިން އަންނަ ޓީމްތަކަށް ހައްލެއް އޮތީ ދިވެހި ޕްރިމިއާ ލީގްވެސް ހޯމް އެންޑް އަވޭ އުސޫލުން ކުޅޭނެ ދުވަހެއް ހަމަޖެހުނު ދުވަހަކުން ކަމަށެވެ.

"ރާއްޖެތެރޭ ޓީމެއް ލީގްގައި ވާދަ ކުރަންޏާ އެރަށެއްގައި، ސަރުކާރުން ދަނޑެއް ހަދައިދީ ހޯމް އެންޑް އަވޭ އުސޫލުން ކުޅުން. މަހިބަދޫއަށް އައިސް ނިއުރޭޑިއަންޓާ މަހިބަދޫ ކުޅޭ މެޗް މަހިބަދޫގައި ކުޅުން. އެގޮތަށް މަހިބަދޫވެސް މާލެއަށް އައިސް ކުޅުން. އޭރުން އެ ޓީމްތަކަށްވެސް އިހްސާސް ކުރެވޭނެ ދަތުރުކޮށްފައި އައިސް ކުޅެން ޖެހުމުގެ ވަރުބަލިކަމާއި އެހެން ހުރި ދަތިތައްވެސް މީގެ ހަމަހަމަ އުސޫލަކަށްވަނީ އޭރުން ތާ،" ޙުސައިން ބުންޏެވެ.

މިސީޒަންގައި މަހިބަދޫ ރެލިގޭޝަނުން ސަލަމަތްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ބޮޑު ކަމަށް ހުސައިން ބުންޏެވެ. އޭނާ ބުނީ "ބުރަ މަސައްކަތްކޮށްފިނަމަ ރެލިގޭޝަނުން ސަލާމަތްވުމަކީ ނުވާނެ ކަމެއް ނޫން،" ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ މަހިބަދޫ ސްޕޯޓްސް ކްލަބްގެ ޒުވާން ޑިފެންޑަރު ސަމޫޙް އަލީ ގައުމީ ސަލާމަށް ހުއްޓިގެން ---- ފޮޓޯ/ ބޫޓާނީސް މީޑިއާ

މަހިބަދޫގެ ވިދުން މިއަހަރު މިހާތަނަށް ޓީމެއްގެ ގޮތުގައި ފަނޑުވިޔަސް އެޓީމުގެ ވަކިވަކި ކުޅުންތެރިން ވަނީ ހުނަރުވެރި މޮޅު ކުޅުމެއްދައްކާފައެވެ. ޑިފެންޑަރު ސަމޫހްއާއި ކުރިއަށް ކުޅޭ ޢިއްޒަތު ޢަބްދުލް ބާރީއާއި މުޙައްމަދު ޖުނޭދުގެ އިތުރުން ގާސިމް ޝައްމާމަކީވެސް މަހިބަދޫގެ ޓީމުގައި ފާހަގަ ކުރޭވެ ކުޅުންތެރިންނެވެ.