27 Oct 2015, 10:40
ހައުސިން މިނިސްޓުރީން ކަނޑައަޅާ ވަކި ހާއްސަ އުސޫލެއް ނުވަތަ ގަވާއިދެއްގެ ދަށުން ނޫނީ ބިން ނުވަތަ ގޯތި ނުވިއްކޭ ގޮތަށް ސަރުކާރުގެ ފަރާތުން ބިމާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ބިމާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއް އެ ގޯއްޗެއް ދޫކުރެވިފައިވާ ފަރާތަކުން ބިމާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތީން އެ ގޯއްޗެއްގެ ބިން ގަތުމަށް ފަހު އެހެން ފަރާތަކަށް ވިއްކަން ވާނީ ބިމާ ބެހޭ ގާނޫނުގެ ދަށުން ހައުސިން މިނިސްޓުރީން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން އާންމުކޮށް ޝާއިއުކޮށްފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތީން ކަނޑައެޅޭ އަގަކަށް ކަމަށެވެ.
އިސްލާހުގައި ބުނެފައި ވަނީ ބިމާ ވަކިން "އެއްމެދު" އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެއްޓެއް ވިއްކަން ވާނީ ބިމާ ބެހޭ ގާނޫނުގެ ދަށުން ހައުސިން މިނިސްޓުރީން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން އާންމުކޮށް ޝާއިއުކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން ކަނޑައެޅޭ އަގަކަށް ކަމަށެވެ.
އިސްލާހުގައި ވަނީ އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓު ގަންނަ ފަރާތަކީ ދިވެހި ރައްޔިތަކަށްވާން ޖެހެ އެވެ. ނުވަތަ ރަޖިސްޓުރީކޮށްފައިވާ ކުންފުންޏެއްގެ 100 ޕަސެންޓު ހިއްސާދާރުންނަކީ ދިވެހިން ކަމުގައި ހިމެނޭ ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއަކަށް ވާން ޖެހޭ ކަމަށާއި ނުވަތަ ރާއްޖޭގައި ރަޖިސްޓުރީ ކޮށްފައިވާ 100 ޕަސެންޓު ދިވެހި ޖަމިއްޔާއެއް ނުވަތަ ޖަމާއަތަކަށްވާން ޖެހޭ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.
އެއްމެދު އިމާރާތެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ވިއްކާ ނަމަ އެ އިމާރާތެއް ނުވަތަ ފުލެޓު ވިއްކާ އަގުގެ 15 ޕަސެންޓު ޓެކުހުގެ ގޮތުގައި އެ އިމާރާތެއް ވިއްކާ ފަރާތުން ދައުލަތަށް ދައްކަން ޖެހޭނެ ކަމަށް ވެސް ޖައުފަރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.
ބިމާ ބެހޭ ގާނޫނު އެންމެ ފުރަތަމަ ވުޖޫދަށް އައިސްފައި ވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި 2002 ވަނަ އަހަރު އެވެ. އޭރު ބިން ވިއްކުމުގެ ބާރާއި ވިއްކާ ބިމުގެ އަގު ކަނޑައެޅުމުގެ ބާރު އޮތީ ސަރުކާރަށެވެ. އެހެންނަމަވެސް އެ ބާރު ސަރުކާރު އަތުން ދިޔައީ 2008 ވަނަ އަހަރު ބިމާ ބެހޭ ގާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާހަކާ ގުޅިގެން ނެވެ.
އެގޮތުން ބޭނުން އަގެއްގައި ބިން ވިއްކުމުގެ ފުރުސަތު މިހާރު އޮވެ އެވެ. ބިމާ ބެހޭ ގާނޫނަށް ދާދިފަހުން ވެސް ސަރުކާރުން ވަނީ އިތުރު އިސްލާހެއް ގެނެސްފަ އެވެ. އެގޮތުން 600 އަކަފޫޓަށް ވުރެ ކުދި ބިންތައް ރަޖިސްޓްރީ ކޮށްދެވޭ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ.
ބިމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައި ވަނީ ބިން ވިއްކާ ފަރާތުން ބޭނުން އަގެއްގައި ބިން ވިއްކަމުންދާ ދުވަސްވަރެއްގަ އެވެ. އެގޮތުން ދާދިފަހުން ބިމެއް ވަނީ އެއް ރުފިޔާއަށް ވިއްކާލާފަ އެވެ.