27 Oct 2015, 09:50
މޯލްޑިވްސް މާކެޓިން އެންޑް ޕަކްރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އޮޑިޓް ކުރުމަށް އޮޑިޓް އޮފީހާ ހަވާލުކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން އެމްއެމްޕީއާރުސީ އޮޑިޓް ކުރުމަށް ސަރުކާރުގެ ފަރާތުން އޮޑިޓާ ޖެނެރަލް އާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ތަހުގީގަށް އެއްބާރުލުން ނުދީގެން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހައްޔަރުކޮށްފައިވާއިރު އޮޑިޓާ ޖެނެރަލްއަކަށް ހުންނަވަނީ އޭނާގެ ބޭބެ ހަސަން ޒިޔަތު އެވެ.

އޮޑިޓާ ޖެނެރަލް ޒިޔަތު: -- ސަން ފައިލް ފޮޓޯ
ބަލަމުންދާ މައްސަލައަކާ ގުޅިގެން އެމްއެމްޕީއާރުސީ އޮފީސް އަދި ވެސް ހުރީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގަ އެވެ.
އެމްއެމްޕީއާރުސީ އޮޑިޓް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އިރު އެކުންފުއްޏާ ގުޅޭ ގޮތުން ތަފާތު މައްސަލަތަކެއް މިހާރު ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރޭގައި ފައިސާ އާ ގުޅޭ މައްސަލަތަކާއި އޮޅުވާލައިގެން ރާއްޖެ އެތެރެކުރި ބަޑިބޭސް ކޮންޓޭނަރެއްގެ މައްސަލައެއް ހިމެނެ އެވެ.