27 Oct 2015, 09:33
ޚަލީލު ސިޓީ (އޮކްޓޯބަރ 27): އިސްރާއީލުން އަނެއްކާވެސް ފަލަސްތީނުގެ ތިން ޒުވާނަކު ޝަހީދުކޮށްލައިފި އެވެ.
މީގެތެރެއިން އެކަކު ޝަހީދުކޮށްލާފައިވަނީ ޚަލީލު ސިޓީގައިވާ އިބްރާހީމްގެ ފާނުގެ ހަރަމްފުޅު (އިބްރާހީމްގެފާނު ފަސްދާނުލެވިފައިވާ ތަނާއި އެތާނގެ ވަށައިގެންވާ ސަރަހައްދު)ގެ ކައިރީގައި އިއްޔެ ހަވީރުގައެވެ. ދެވަނަ ޒުވާނާ ޝަހީދުކޮށްލާފައިވަނީ އޭގެ ތަންކޮޅެއްކުރިން ޚަލީލު ސިޓީގެ ކައިރީގައިވާ ވިލެޖެއްގައެވެ. މިދެމީހުންވެސް ޝަހީދުކޮށްލާފައިވަނީ އިސްރާއީލު ސިފައިންނާ ކުރިމަތިލުމާ ގުޅިގެން އެމީހުން ދިން ބަޑީގެ ހަމަލާތަކެއްގައެވެ.
ތިންވަނަ ޒުވާނާ ޝަހީދުކޮށްލާފައިވަނީ ޚަލީލު ސިޓީގެ އުތުރުގައި އިސްރާއީލު ސިފައިންނާ ދިމާއަށް އޮއްގާ އުކުމާ ގުޅިގެން އޭނާގެ ބޮލަށްއަމާޒުކޮށްދިން ބަޑީގެ ހަމަލާއެއްގައެވެ.
މިތިން ޒުވާނުންނަކީ އުމުރުން 18 އަހަރާއި 22 އަހަރުގެ މީހުންނެވެ. މީގެތެރެއިން އެކަކު ޝަހީދުވެފައިވަނީ އޭނާގެ ގަޔަށް ބަޑިޖެހުމަށްފަހު އޭނާގެ ހަށިގަނޑުން ލޭއަންނަމުން ދިޔައިރުވެސް ހޮސްޕިޓަލަށް ނުގެންގޮސް ލޭ ހުސްވަންދެން ބޭއްވުމުގެ ސަބަބުންނެވެ. އަނެއް ދެމީހުން ގެ ފުރާނަ ދިޔައީ ފަލަސްތީނުގެ އާންމުންގެ ބަޔަކު އެދެމީހުން ހޮސްޕިޓަލަށް ގެންދިޔުމަށްފަހު ހޮސްޕިޓަލްގައިކަމަށް ފަލަސްތީނުގެ އަނަމާބެހޭ ދާއިރާތަކުން ބުނެއެވެ.
އަނެއްކޮޅުން އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ރޭގައިވަނީ ފަލަސްތީނުގެ ޣައްޒާއަށް ވައިގެ ހަމަލާތަކެއްދީފައެވެ. އިސްރާއީލުގެ މި ހަމަލާތައް އަމާޒުކުރީ ޣައްޒާގެ މެދުގައިވާ ފަލަސްތީނުގެ މަޣާޒީ ރެފިއުޖީ އަވަށަށާއި ޣައްޒާގެ ދެކުނުގައިވާ އެއަރޕޯޓް ކައިރީގައިވާ ހުސް ބިމަކަށްކަމަށް ޣައްޒާގެ ވެރިކަމުގެ އިދާރާއިން ބުނެއެވެ.
ޣައްޒާއަށް ހަމަލާތައްދިނީ ޣައްޒާއިން ފޮނުވާލި ރޮކެޓެއް އިސްރާއީލުގެ އެތެރޭގައިވާ ޔަހޫދީ އަވަށަކަށް އެރުމުންކަމަށް އިސްރާއީލުން ބުނެއެވެ.
ޣައްޒާގެ ދެ ސަރަހައްދަކަށް ރޭ އިސްރާއީލުން ހަމަލާތަކެއްދިންކަން ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުންވެސްވަނީ ކަށަވަރުކޮށްދީފައެވެ. ހަމާސްއިންވަނީ އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ފަލަސްތީނުގެ އާންމުން ކުރަމުން ގެންދާ އިޙްތިޖާޖްތައް (އިންތިފާޟާ) ހުއްޓާނުލުމަށާއި ފަލަސްތީނުގެ ބިންތަކުން ފޭބުމަށް އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން އިންތިފާޟާ ކުރިޔަށް ގެންދިޔުމަށް ގޮވާލާފައެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިޔަށްދާ މި އިންތިފާޟާގައި މިހާތަނަށް އިސްރާއީލުންވަނީ ބަޑިޖަހައިގެން ފަލަސްތީނުގެ 60 މީހުން ޝަހީދުކޮށްލާފައެވެ. މީގެތެރޭގައި ގިނައީ ދެޖިންސުގެ ޒުވާނުންނާއި ކުޑަކުދިންނެވެ. (އަލްޖަޒީރާ)