މި މަހު 13 ވަނަ ދުވަހު ގަތަރާއި ދެކޮޅަށް ކުޅުނު މެޗައްފަހު ގައުމީ ޓީމްގެ ފަރިތަކުރުން ތައް ހުއްޓާލާފައި އޮތުމަށްފަހު އަންނަ މަހު ހަތަރެއްގައި އަލުން ފަރިތަކުރުން ތައް ފަށަން ނިއްމައިފި އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އުރީދޫ ދިވެހި ޕްރިމިއާލީގުގެ ކުޅުން އަންނަ މަހު ހަތަރެއްގައި މެދުކެޑުމާއި އެކު ގައުމީ ޓީމްގެ ފަރިތަކުރުން ތައް އަލުން ފަށާނެ ކަމަށާއި އެހެން ނަމަވެސް މިވަގުތު އެފްއޭއެމްގެ އިންތިހާބްގެ ކަންތައްތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަ ތަކުގެ ސަބަބުން ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީޓީމް ހޮންކޮންގާ ދެކޮޅަށް ނިކުތުމުގެ ކުރިން ކޭމްޕް ކުރަން އަދި ނިއްމާފައި ނުވާކަމަށެވެ.

ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަދި މިޔަންމާ ލީގްގައި ކުޅެމުން އަންނަ ގައުމީ ޓީމްގެ މިޑްފީލްޑަރު އަހްމަދު އާރިފް(ބަކާ) އަންނަ މަހުގެ ކުރީކޮޅު ގައުމީޓީމާ ގުޅޭނެއެވެ.

ގައުމީ ޓީމްގެ ކުރީގެ ކޯޗް ވެލިޒާ ޕޮޕޯވް ވަކި ކުރުމަށްފަހު މިހާރުގެ ކޯޗް ނިއު ޒީލެންޑްގެ ރިކީ ހާބަޓްގެ އިރުޝާދުގެ ދަށުން ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗްގައި ބޫޓާން އަތުން މޮޅުވިއިރު ދެވަނަ މެޗްގައި ގަތަރު އަތުން ވަނީ ބަލިވެފައެވެ.

ގަތަރު ގްރޫޕްގެ އެއްވަނައިގައި އޮތީ ކުޅުނު ފަސް މެޗުން މޮޅުވެ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ހޮންގްކޮންގް އަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ޗައިނާއަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައި އޮތްއިރު، ރާއްޖެ ހަތަރު ވަނައިގައި އޮތީ ފަސް މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ދެން އެންމެ އަވަހަށް ގައުމީ ޓީމްގެ މެޗެއް ކުޅެވޭނީ ވޯލްޑްކަޕް ކޮލިފައިންގައި އަންނަ މަހު 12 ވަނަ ދުވަހު ހޮންކޮންގާ ދެކޮޅަށް ރާއްޖޭގައެވެ. އަދި ކޯޗްގެ މިހާރުގެ އަމާޒަކީ ޑިސެމްބަރުގައި އިންޑިއާގައި އޮންނަ ސާފް ސުޒުކީ ކަޕުން ރާއްޖެއަށް ރަނގަޅު ނަތީޖައެއް ހޯދައި ދިނުން ކަމަށާއި އެ ގޮތުން މިހާރުގެ ޓީމުން ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ކުރިން ކޯޗް ވަނީ ބުނެފައެވެ.