އިންޑިއާގައި ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖައްސާފައިވާ ސާކް ސަރަހައްދުގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސް އަންނަ ފެބްރުއަރީ މަހަށް ފަސްކޮށްފި އެވެ.

އާސާމްގެ ޗީފް މިނިސްޓަރު ޓަރުން ގޮގޮއީއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން ބުނީ، ކުރިން ތިން ފަހަރެއްގެ މަތިން ފަސްކޮށްފައިވާ ސައުތް އޭޝިއަން ގޭމްސް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 އިން 16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ މުބާރާތް އޮންނާނީ އިންޑިއާގެ އާސާމްގެ ގުވާހަޓީގައި އަދި މެގްހަލަޔާގެ ޝިލޮންގައި ކަމަށެވެ.

ގޮގޮއީ ވިދާޅުވީ ގޭމްސްގައި 25 ކުޅިވަރު ކުރިއަށްދާނެ ކަމަށާއި އޭގެ ތެރެއިން 17 ކުޅިވަރުގެ އިވެންޓްތައް ކުރިއަށްދާނީ ގުވާހަޓީގައި ކަމަށެވެ. އަދި އަނެއް 8 އިވެންޓް އޮންނާނީ ޝިލޮންގައި ކަމަށެވެ.

ސަރަހައްދުގެ 8 ގައުމުން ބައިވެރިވާ ގޭމްސްގައި އެތުލީޓުންނާއި އޮފިޝަލުންނާ އެކު ޖުމްލަ 40 ހާސް މީހުން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ފަހަރު އަލަށް ހިމެނި ކުޅިވަރުގެ ތެރޭގައި ޓެނިސް ހިމެނެ އެވެ. އެއާއި އެކު ގޭމްސްގައި ކުޅޭ ކުޅިވަރުތަކުގެ އަދަދު ވަނީ 23 އަށް އަރައިފަ އެވެ.

ސައުތު އޭޝިއަން ގޭމްސް އެންމެ ފަހުން ބާއްވާފައިވަނީ 2010 ވަނަ އަހަރު، ބަންގްލަދޭޝްގައެވެ.