ރައްޔިތުން މަޖިލީހުން ދިއެފްއެމް އަށް ދޫކޮށްފައިވާ ލައިވް ފީޑް ކަނޑާލައި އެ ސްޓޭޝަންގެ ދެ ޕްރެޒެންޓަރަކު ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރުކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހާއި އަދި ދިއެފްއެމްއާ ވާހަކަ ދައްކައިގެން ހައްލުކުރުމަށް މީޑިއާ ކައުންސިލުން އިސްނަގައި މަސައްކަތް ފައްޓައިފި އެވެ.

މީޑިއާ ކައުންސިލްގެ ރައީސް މުހަންމަދު ނަޒީފް މިއަދު ވިދާޅުވީ ދިއެފްއެމް އަށް ރައްޔިތުންގެ މަޖިލީހުން ދޫކޮށްފައިވާ ލައިވް ފީޑް ކަނޑާލުމާއި އަދި އެ ސްޓޭޝަންގެ ދެ ޕްރެޒެންޓަރަކު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީ އަށް ހާޒިރު ކުރި މައްސަލައިގައި އެ ދެ ފަރާތާ މަޝްވަރާކޮށްގެން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ މަސައްކަތުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި އަދި ދިއެފްއެމްގެ ދެ ޕްރެޒެންޓަރުންނާ ވެސް މިހާރު ވާހަކަ ދައްކާފައިވާ ކަމަށް ނަޒީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެދެ ފަރާތުގެ މެދުގައި މިއޮތް މައްސަލަތަކަކީ ކޮބައިތޯ ބަލަން. ދެން ދެ ފަރާތުން ވާހަކަ ދައްކައިގެން މި މައްސަލަ ހައްލުކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ. އެގޮތުން ލައިވް ފީޑް އަލުން އަނބުރާ ހޯދުމަށް މަސައްކަތްތަކެއް އެބަ ކުރެވޭ،" ނަޒީފް ވިދާޅުވި އެވެ.

މަޖިލީހުން ބުނަނީ މި މަހުގެ 15 ވަނަ ދުވަހު ދިއެފްއެމް އިން ބްރޮޑްކާސްޓް ކުރި "ވަތަނިއްޔާ ބްރޯޑްބޭންޑް ބުރެކްފާސްޓް ކުލަބް"ގައި އެ ޕްރޮގްރާމްގެ ހޮސްޓް އަދި އެ ސްޓޭޝަންގެ ހެޑް އޮފް ނިއުސްއެންޑް ކަރަންޓް އެފެއާޒް މުހަންމަދު ޖިނާހު އާއި އަދި އެ ޝޯގެ ކޯ ހޮސްޓް އިބްރާހިމް ޝާފިއު (ޗަންޕީ) ރައްޔިތުން މަޖިލީހުގެ ކަރާމާތާއި އިއްޒަތަށް ހުތުރުވާ ފަދަ ވާހަކަތަކެއް ދައްކާފައިވާ ކަމަށެވެ.

މީޑިއާ ކައުންސިލް އިން އިއްޔެ ވަނީ އެ ދެ ޕްރެޒެންޓަރުންނާ ބައްދަލުކޮށް އެ ކައުންސިލުން ކަންބޮޑުވާ ކަންތައްތައްތަކުގެ މައުލޫމާތު ސާފުކޮށް ފެވެ.

"އަޅުގަނޑުމެން އެބޭފުޅުންނަށް ދަންނަވާލީ އަޅުގަނޑުމެން މަޝްވަރާ ކޮށްލަން ހުރި ބައެއް ކަންތައްތަކުގައި މަޝްވަރާކޮށްލަން [ބޭނުން ވާހަކަ]،" ނަޒީފް ވިދާޅުވި އެވެ.

އިއްޔެ މީޑިއާ ކައުންސިލްގައި މަޝްވަރާ ކުރި ބައެއް ކަންކަމާ ގުޅޭ ގޮތުން ބްރޯޑްބޭންޑް ބުރެކްފާސްޓް ކުލަބްގެ ހޮސްޓް އަދި ދިއެފްއެމްގެ ހެޑް އޮފް ނިއުސްއެންޑް ކަރަންޓް އެފެއާޒް ޖިނާހު މިއަދު ވިދާޅުވީ އެ މަޝްވަރާތަކުގައި އެ ޝޯގައި ދެއްކި ބައެއް ވާހަކަތަކާއި އަދި އެ މައްސަލަ ނިކުންނަން ދިމާވި ސަބަބުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރިކަމަށެވެ.

"އެބޭފުޅުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވި އަމިއްލަ މީޑިއާތަކަށް އެކި ފަރާތްތަކުން ފިއްތުންތައް ކުރިމަތި ކުރާތީ. އަދި ޝޯއަށް ދެންވާނެ ގޮތަކާ ގުޅޭ ގޮތުން ވެސް ސުވާލުކުރި. އަޅުގަނޑުމެން ދެންނެވިން ހުރިހާ ވެސް މައްސަލައަކީ ރައްޔިތުން މަޖިލީހުގެ މެންބަރުން ކުރާ ކަންތައްތައް އަޅުގަނޑުމެން ހާމަކުރުމޭ." ޖިނާހު ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގެ އިއްޒަތާއި ކަރާމާތަށް ގެއްލުން ލިބޭ ފަދަ ވާހަކަތައް ދިއެފްއެމް އިން ދައްކާ ކަމަށް ބުނެ އެކަން ތަހުގީގު ކުރުމަށް މަޖިލީހުގެ އާންމު ކޮމެޓީން ވަނީ އެ ސްޓޭޝަނާ ދެކޮޅަށް ސިއްރު ތަހުގީގެއް ފަށައިފަ އެވެ.
އެ އިދާރާ އިން ދިއެފްއެމްއަށް ދޫކޮށްފައިވާ ލައިވްފީޑް ހުރީ އަދި ވެސް ކަނޑާލާފަ އެވެ.