27 Oct 2015, 00:25
ފުލުހުންގެ ތަހުގީގު ޓީމުން މިއަދު ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާ ސުވާލުކުރަން ފަށާފައިވާ ކަމަށާއި ސުވާލުކޮށްފައި ވަނީ ވަޑައިގެންނެވި ތަންތަނާ ބެހޭ ގޮތުން ކަމަށް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވި އެވެ.
މޫކައި ސުއިޓްގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ޝަމީމް މިރޭ ވިދާޅުވީ ތަހުގީގުގައި ފުލުހުން އަދީބާ ސުވާލުކޮށްފައި ވަނީ އެމަނިކުފާނު ވަޑައިގެންނެވި ތަންތަނާ ބެހޭ ގޮތުން ކަމަށެވެ. ތިން ދުވަހެއްގައި އެމަނިކުފާނު ވަޑައިގެންނެވި ތަންތަނާ ބެހޭ ގޮތުން ސުވާލު ކުރެއްވި ކަމަށް ޝަމީމް ވިދާޅުވި އެވެ.
ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި މައްސަލާއިގެ ތަހުގީގަށް ނައިބު ރައީސާ މިއަދު ސުވާލު ކުރަން ފަށާފައި ވަނީ މެންދުރުފަހު 1:30 ގައި ކަމަށާއި ސުވާލު ކުރުން ނިންމާލީ މިއަދު ހަވީރު 4:00 އަށް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
"އެއްގަޑި ބައިގައި ފެއްޓެވި ގޮތަށް ގާތްގަނޑަކަށް ހަވީރު ހަތަރެއް ޖަހަންދެން ތަހުގީގުގަ ސުވާލު ކުރުމުގެ ކަންތައް ކުރިއަށްދިޔަ. ވަރަށް ރަނގަޅު ފުލުހުން އަޅުގަނޑުމެންނަށް ފުރުސަތު ދެއްވި. އަޅުގަނޑުމެން ދައްކަން ބޭނުންވި ވާހަކަތައް ދައްކަން. ވަރަށް ރަނގަޅަށް ތަހުގީގުގެ ކަންތައް ދިޔައީ،" ޝަމީމް ވިދާޅުވިއެވެ.

އަދީބުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އޭނާ ވިދާޅުވީ ތަހުގީގު ޓީމުން މިއަދު ބޭނުންވި ހުރިހާ މައުލޫމާތުތަކެއް ވެސް ނައިބު ރައީސް އަދީބު ހިއްސާކުރައްވާފައިވާ ކަމަށެވެ.
ސުވާލުކޮށް ނިންމާލަމުން އަދި އެހެން ދުވަހަކު ވެސް ސުވާލުކުރުމުގެ ކަންތައް ކުރިއަށް ދާނެ ކަމަށް ތަހުގީގު ޓީމުގެ ބޭފުޅުން ވިދާޅުވި ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގެ ހާދިސާއާ ނައިބު ރައީސާ އޮތް ގުޅުމެއް މިހާތަނަށް ފުލުހުންނަށް ދެއްކިފައެއް ނެތް ކަމަށެވެ. އަދި އެކަމުގައި ނައިބު ރައީސްގެ ބައިވެރިވުމެއް ނޯންނާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް އަރުވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ނައިބު ރައީސް ހުންނެވީ ތަހުގީގަށް ފުރިހަމަ އެއްބާރުލުންދޭން ތައްޔާރަށް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
އިއްޔެ ގައުމާ މުޚާތަބު ކުރައްވައި ނައިބު ރައީސާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ބެހޭގޮތުން ޝަމީމް ވިދާޅުވީ ރައީސް ޔާމީނަށް އެނގިވަޑައިނުގެން އެއްވެސް ކަމެއް އަދީބު ކުރައްވާފައިނުވާނެ ކަމަށެވެ.
ނައިބު ރައީސް މިހާތަނަށް ވެސް ރައީސް ޔާމީން ވިދާޅުވި ހުރިހާ ކަމެއް ކުރައްވާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ރައީސް ވިދާޅުވާ ކޮންމެ ކަމެއް އަދީބު ކުރައްވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.