ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު އަބްދުލް ޣަފޫރު ޕީޕީއެމުން ވަކިކޮށްފި އެވެ.

ޕީޕީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަދީބު އެ ޕާޓީން ވަކިކުރީ، ޕީޕީއެމް އަސާސީ ގަވާއިދާ ހިލާފަށް އަމަލު ކުރައްވައި، ޕާޓީގެ ވިސްނުމާއި ފިކުރާ ދެކޮޅަށް އަމަލުތަކެއް ހިންގަވާފައިވާ ކަމަށް ބުނެ ސުލޫކީ ކޮމެޓީއަށް ހުށަހެޅި މައްސަލައެއް ބެއްލެވުމަށްފަހު ކަމަށެވެ.

ދެހާސް ތޭރަ ވަނަ އަހަރު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމަށް ވަޑައިގެންނެވި އަދީބު ވަނީ، ޕާޓީގެ ނައިބު ރައީސްގެ މަގާމުން ވެސް ވަކިކޮށްފަ އެވެ.

އަދީބުގެ އިތުރުން އޭނާގެ ސަޕޯޓަރެއް ކަމަށްވާ އަލީ ޝާހިދު (ސްޓެޕްސް އައްޔަ) ވެސް ޕީޕީއެމުން ވަކިކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުން ވަކިކޮށްފައިވާ ސްޓެޕްސް އައްޔަ ޕީޕީއެމުން ވަކިކުރީ ޕާޓީގެ އަސާސްތަކާ ހިލާފަށް ޕާޓީގެ ފިކުރާ ދެކޮޅަށް އަމަލުކޮށްފައިވާ ކަމަށް ސުލޫކީ ކޮމެޓީއަށް ފާހަގަ ކުރެވޭތީ ކަމަށް ބަޔާނުގައިވެ އެވެ. ސްޓެޕްސް އައްޔައަކީ ޕީޕީއެމްގެ އިންތިހާބު ކޮމެޓީގެ މެމްބަރެކެވެ. އޭނާ ވަނީ އެ ކޮމެޓީން ވެސް ވަކިކޮށްފަ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރު ކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި މައްސަލާގައި އަދީބު ވަނީ ހައްޔަރުކޮށްފަ އެވެ. ޗައިނާއަށް ކުރެއްވި 11 ދުވަހުގެ ދަތުރުފުޅަށްފަހު މިދިޔަ ހޮނިހިރު ދުވަހު އެނބުރި ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނު ހައްޔަރުކޮށްގެން ގެންދިޔައީ ދޫނިދޫއަށެވެ. އަދި ދޫނިދޫގައި ބަހައްޓައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.