ކުންފުންޏާ ބެހޭ ގާނޫނަށް ވަރަށް އަވަހަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، އެ އިސްލާހުތައް މަޖިލީހަށް ހުށަހަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރެއިންބޯ އެންޓަޕްރައިސަސް އަށް 25 އަހަރު ފުރުމުގެ ރިހިޔޫބީލް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ސަރުކާރުގައި އޮތީ ވިޔަފާރިއަށް ފަހިކޮށްދޭ މާހައުލެއް ވިޔަފާރިތަކަށް ގާއިމްކޮށްދޭނޭ ރޫހާއި އެމްބިޝަންގައި މަސައްކަތްކުރާ "މެޝިން" އެއް ކަމަށެވެ.

އެގޮތުން ކުންފުނިތަކާ ބެހޭ ގާނޫނަށް ވަރަށް ބޮޑެތި ބަދަލުތަކެއް މިހާރު އެބަ ގެނެވޭ ކަމަށާއި މުޅި ގާނޫނުގެ 80 ޕަސެންޓް ވަރު މިހާރު ނިންމާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ އިސްލާހުތަކުން ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާވެ، ޒަމާނީ ކުރުމަށްޓަކައި ގެނެވޭ މުހިންމު ބަދަލުތަކެއް އަންނާނެކަމުގެ ޔަގީންކަން ކުންފުނިތަކަށް މިނިސްޓަރު އެރުއްވި އެވެ.

އިސްލާހުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި އިންކޯޕަރޭޓް ކުރާ ކުންފުނިތަކުގެ ސެކްރެޓަރީން ތިން ކުންފުންޏަށްވުރެ ގިނަ ކުންފުންޏަށް ހިދުމަތްދޭ ކަމުގައި ވަނީނަމަ ބިޒްނަސް ޑިގްރީއެއް އޮތުން އެ ގާނޫނުގެ ދަށުން ލާޒިމްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަމައެއާއެކު ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރަކަށް ހުންނަ އިރު އެންމެ ކުޑަމިނުން ސީއެމްޑީއޭގެ ވިޔަފާރިއާ ގުޅޭގޮތުން ދެވޭ ތަމްރީނެއް ހާސިލްކޮށްފައި ހުރި މީހަކަށް ވާންޖެހޭނެ ކަމަށާއި ސެކްރެޓަރީންނަކީ ދިވެހިންނަށް ވާންޖެހޭނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

"މި އިސްލާހުން އަޅުގަނޑުމެންނަށް ލަފާކުރެވޭ ގޮތުގައި ނުވަތަ އަންދާޒާކުރެވޭ ގޮތުގައި ގާތްގަނޑަކަށް 800 ނުވަތަ 1000 އާއި ދެމެދުގެ ވަޒީފާ ދިވެހިންނަށް އުފެއްދޭނެ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ވަނީ ރެއިންބޯ އެންޓަޕްރައިސަސްގެ ލޯކަލް އަދި އިންޓަނޭޝަނަލް ޕާޓްނަރުންނަށް އެވޯޑް ދީފަ އެވެ. އަދި ކުންފުންޏަށް ގިނަދުވަހު ހިދުމަތްކޮށްދެއްވި މުވައްޒަފުންނަށް އެވޯޑް ދީފައިވެ އެވެ.