26 Oct 2015, 22:32
ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ވަޒީފާ ހޯދައި ދިނުމަށް ނުވަ އެމްޕްލޯއިމަންޓް އެޖެންސީއަކާއެކު އިމިގްރޭޝަނުން އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވަޒީފާގެ ފުރުސަތުތައް ހޯދުމަށް އިމިގްރޭޝަނުން 23 އޯގަސްޓު މަހުގައި ވަނީ އިއުލާންކޮށްފަ އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވަޒީފާ ހޯދައިދޭނެ ކަމަށް އެއްބަސްވި ނުވަ ކުންފުންޏަކީ، އެކަމަށް ހުށަހެޅި 17 ކުންފުނީގެ ތެރެއިން ހޮވާލެވިފައިވާ ކުންފުނިތަކެކެވެ.
އިމިގްރޭޝަނުން ފަށާފައިވާ އެ މަސައްކަތަކީ ރާއްޖޭގެ މައިގްރޭޝަން ނިޒާމް ހަރުދަނާކޮށް ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ފަރާތަތައް މަދުކުރުމުގެ ގޮތުން އިމިގްރޭޝަނުން ޖޫން މަހުގައި ފެށި ޕްރޮގްރާމެކެވެ.
"ޝެއާޑް ރެސްޕޮންސިބިލިޓީ ޕްރޮގްރާމް"ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމަކީ ރާއްޖޭގައި ސައްހަ ލިޔެކިއުން ނެތި އުޅުމެންދާ ބިދޭސީންނާއި ރާއްޖެ ގެނައި ކުންފުނިތަކަށް ފިލައިގެން އުޅޭ ބިދޭސީންނާއި ޖިނާއީ ކުށެއް ކޮށްފައި ނުވާ ބިދޭސީން ގަވައިދާ އެއްގޮތަށް އުޅުމަށް ފުރުސަތު ދިނުމަށް ފަށާފައިވާ ޕްރޮގްރާމެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.